މިއަދު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 2 ވަނަ ދައުރުގެ 12 ވަނަ ޖަލްސާވެސް، އެމްޑީޕީގެ ދެ ފެކްޝަންގެ އަރައިރުންގަނޑުގެ ތެރޭގައި ތާށިވެ ހުއްޓުން އަރައިފިއެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ގެންދިއުމަށް އެޖެންޑާކޮށްފައިވަނީ، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ)ގެ ދަށުން، އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވާ، މަޖިލީހުގެ ނާއިބް ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަކިކުރުމުގެ މައްސަލައެވެ. ނަމަވެސް، މަޖިލީހުގެ ރިޔާސަތާ ހަވާލުވާނޭ ފަރާތެއް ނެތި، މިއަދުވެސް ޖަލްސާ ވަނީ ހުއްޓިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ތާވަލުކޮށްފައި އޮތީ، ހެނދުނު 9:00ގައެވެ.  އެގޮތުން، ޖަލްސާ ފެށުމަށްޓަކައި، މަޖިލީހުގެ އަމީންއާއްމު އަލްއުސްތާޛާ ފާތިމަތު ނިއުޝާ ވިދާޅުވީ، މަޖިލީގެ ރިޔާސަތާ ހަވާލުވާން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދެންނެވުމުން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވާތީ، ރިޔާސަތު ބަލަހައްޓާން އުޒުރުވެރިވާކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި، މީގެ އިތުރުން ނައިބުރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވާތީ، އީވާއަށް ވެސް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނޭކަމަށް އަމީން އާންމު ވިދާޅުވިއެވެ.

ނިއުޝާ އިތުރަށް ވިދާޅުވީ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއިމެދު ގޮތެއް ކަނޑަނޭޅެނީސް މިވަގުތު ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.