ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގެންފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ދައުވަތަކަށް ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަށް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު (ނ.ޢ.ޢ.ވ)އެވެ.
ރައީސް އޮފީހުން ބުނީ، ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސް އިބްރާހީމާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނޭ ކަމަށެވެ.
އަދި އެއަށްފަހު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި ގުޅޭގޮތުން މީޑިޔާއަށް މަޢުލޫމާތު ދެއްވުމަށް ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.
ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 ޖުލައި 1980 ވަނައަހަރުގައެވެ.