ޖުމްހޫރީ ޕާޓީން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ޓިކެޓް ހަވާލުކުރާން ކާނިވާ ސަރަހައްދުގައި ބޭއްވި ބިޔަ ބޮޑު ޖަލްސާގައި ޖެހި ގޮނޑިތަށް ނުފުރުނީ ނޫންކަމަށާއި، ނަމަވެސް ވާދަވެރި ސިޔާސީ ފަރާތްތަކަށް އެތަނަށް ޖަމާވި މީހުންގެ އަދަދު ގިނަކަމުން އެކަން ހަޖަމް ނުވީކަމަށް އެޕާޓީގެ އިސްފަރާތްތަކުން ބުނެފިއެވެ. 

ޖޭޕީގެ ލީޑަރ ގާސިމްގެ ސްޕެޝަލް ޕޮލިޓިކަލް އެޑްވައިޒަރ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރުކަންވެސް ކުރީން ކުރެއްވި، ކުރީގެ ފުޓްބޯޅަ ރެފްރީ ރިޔާޒް ރަޝީދު ވިދާޅުވީ، "ޖޭޕީން އިދިކޮޅުފަރާތްތަށް ސިއްސުވާލާ ލީޑަރ އޮނަރަބަލް ގާސިމް އިބުރާހިމްއަށް ރިޔާސީ ޓިކެޓު އަރުވައިފި!" ކަމަށެވެ.

"އިދިކޮޅުންތިބީ ހުސްގޮނޑިގުނަން، ޖަލްސާފެށުމުގެ ކުރިން ހުސްގޮނޑީގެ ފޮޓޯނަގާ ޓުވީޓްކުރަނީ ހިތުގަ އުފެދޭ ނަފުރަތާއި ހަސަދަވެރިކަން ބޮޑުކަމުން!"

ރިޔާޒު ވިދާޅުވީ، ހަގީގަތުގަވެސް އަތޮޅުތެރެއިން މީހުން ނުގެނެސް ގާސިމަށް އޮތް ތާއިދު، އެ ޖަލްސާއިން ދައްކާލައިފި ކަމަށެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އަދި ދެކުނު ކެމްޕެއިން މެނޭޖަރު އިލްހާމް އަހުމަދުވެސް ވިދާޅުވީ، ޖުމްހޫރީ ޕާޓީ ދާނީ ފަސްބެލުމެއްނެތި، "ފާޑުކިޔުންތައް ބަލައިގަންނަމުން، މާޔޫސްވުމެއްނެތި ކުރިޔަށް." ކަމަށެވެ.

"ﷲގެ ހެޔޮ ރަޙުމަތާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ އިން ކާމިޔާބު ކުރާނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ފުރިހަމަ އަޣުލަބިއްޔަތަކުން." ކުރިން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރުކަން ކުރެއްވި، އެފްއޭއެމްގެ ކުރީގެ ރައީސް ވިދާޅުވިއެވެ.

ގާސިމަށް ޓިކެޓް އަރުވާން ބޭއްވި ޖަލްސާއަށް، ގިނަ އަދަދެއެްގެ ގޮނޑި ޖަހައި، މީހުން ހާޒިރު ނުވުމުން ގޮނޑިތައް މަދުކުރި މަންޒަރާއި، އަދި ދެގަޑިއެއްހާ އިރަށް ޖަލްސާ ލަސްވެގެން ދިޔަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.