ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު (އަންނި) މަޖިލީހުގެ ރައީސްކަމުން ވަކިކުރާން، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ. 

އެމްޑީޕީގެ ޕާަލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަކަށްފަހު، އެ ބައްދަލުވުމުގައި ބައިވެރިވި 42 މެންބަރުންގެ ތެރޭން، 36 މެންބަރުން ވަނީ، އަންނި މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފެންންނަ ކަމަށް ވޯޓުދީފައެވެ. އަދި 5 މެންބަރަކު ވޯޓު ދީފައިވަނީ، އެ މައްސަލަ ހުށަހަޅަން ނުފެންނަ ކަމަށެވެ. 

އެމްޑީޕީގެ ރައީސްކަން ވެސްކުރައްވަމުން ގެންދަވާ، އަދި އެޕާޓީގެ ރޫހާނީ ލީޑަރުގެ ނަމުން މަޝްހޫރުވެފައިވާ، އަންނި މަޖިލީހުގެ ރައީސްކަމުން ވަކިކުރާން އޭނާގެ ޕާޓީން ނިންމާފައިވަނީ، އެމަނިކުފާނު މަޖިލީސް ކުރިއަށް ގެންދާގޮތް އެމްޑީޕީގެ ގިނަ މަޖިލީސްމެންނަރުންނަށް ކަމުނުދާތީ އިތުރު ގޮތެއް ނެތިގެން ކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، "މަޖިލިހުގެ ރައީސް މަޖިލިހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ ކަމަށް ތަކުރާރުކޮށް މަޖިލިހުގެ ފްލޯގައި އާއި އެހެނިހެން ފްލޯތަކުގައި ފާހަގަ ކުރައްވަމުންދޭ." ކަމަށެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވީ، 67 މެމްބަރުންގެ ވޯޓާއެކު 28 މެއި 2019ގައެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާތައް އެމަނިކުފާނު ކުރިއަށް ގެންދަވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ޝަކުވާކުރަމުން ދަނިކޮށް، އެމަނިކުފާނުގެ އަމިއްލަ ޕާޓީން އެމަނިކުފާނާ ދެކޮޅަށް މި ނުކުތީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އެމަނިކުފާނުގެ އަރީސް ބޭފުޅުން މުޅިން އައު ޕާޓީއެއް ރެޖިސްޓްރީ ކުރުމުގެ މަސައްކަތްކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.