އެފްރިކާގެ ޤައުމުތަކުގައި މަންކީޕޮކްސް (އެމްޕޮކްސް) ފެތުރޭ މިންވަރު ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބަދަލުކޮށްފިއެވެ. ޑަބްލިއުއެޗްއޯއިން ވަނީ، މި ވައިރަހުގެ އާ، އަދި ފަސޭހައިން މީހުން މަރުވާ ވައްތަރެއް ހަލުއިކަމާއެކު ފެތުރެމުން ދާކަން ފާހަގަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް، 14،000 އަށް ވުރެ ގިނަ މީހުން އެމްޕޮކްސްއަށް ޕޮޒިޓިވްވެ، އޭގެ ތެރޭން 524 މީހުން މަރުވެފައިވާއިރު، ހާއްސަކޮށް މިބަލީގެ 96 ޕަސެންޓް ކޭސް ތައް ފެންނަ ކޮންގޯގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ.

ކޮންގޯގައި ބަލި ޖެހުނު މީހުންގެ 70 އިންސައްތަ އަކީ 15 އަހަރުން ދަށުގެ ކުޑަކުދިން ކަމަށާއި އެ ބަލީގައި މަރުވާ މީހުންގެ 85 އިންސައްތަ އަކީ 15 އަހަރުން ދަށުގެ ކުދިން ކަމަށްވެއެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު 19 އިންސައްތަ އިތުރުވެފައިވާއިރު ވައިރަސް ފެތުރޭ މިންވަރު ވަނީ 160 އިންސައްތަ އިތުރުވެފައެވެ.

އެމްޕޮކްސް ފެތުރޭ މިންވަރު ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލަށް ބަދަލުކުރާން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނިންމުމުގެ މަގްސަދަކީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ހޯދުމެވެ.