ނައިރޯބީ، 11 ސެޕްޓެމްބަރ: އިންޑިއާގެ އަދާނީ ގްރޫޕަށް ޖޯމޯ ކެންޔާޓާ އިންޓަނޭޝަނަލް އެއާޕޯޓް (ޖޭކޭއައިއޭ) ކުއްޔަށް ދިނުމަށް ސަރުކާރުން ނިންމުމާ ވަރަށް ބޮޑަށް ދެކޮޅު ހަދައި، އެ ޑީލަކީ "ގާނޫނާ ހިލާފު" އެއްބަސްވުމެއް ކަމަށް ބުނެ، ކެންޔާގެ އޭވިއޭޝަން ޔޫނިއަނުން ހަޅުތާލު ކުރާން ފެށުމުން، ހުރިހާ ފްލައިޓެއް ހުއްޓި ފަސިންޖަރުން ތާށިވެއްޖެއެވެ.

ކެންޔާގެ އޭވިއޭޝަން ޔޫނިއަނުން ވަނީ ޖޭކޭއައިއޭ އަދާނީ ގްރޫޕަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމަކީ، ކަނޑައެޅިގެން ގާނޫނާ ހިލާފު އެއްބަސްވުމެއްގެ ގޮތުގައި ބުނެފައެވެ. ޔޫނިއަންގެ މުޒާހަރާ ފުރިހަމަ ހަޅުތާލަކަށް ބަދަލުވެ، ހުރިހާ ފްލައިޓެއް މުޅިން ހުއްޓި އެތައް ހާސް ފަސިންޖަރުންނެއް ވަނީ ތާށިވެފައެވެ. އަދި މީގެ ސަބަބުން ކެންޔާ އެއާވޭސް އަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ޚަބަރުތައް ބުނާގޮތުން، ޖޭކޭއައި ކުއްޔަށް ދިނުމަށް، އަދާނީ ގްރޫޕާއެކު ހަދާފައިވާ އެއްބަސްވުމުގައި، ކެންޔާއަށް ކުރިއަށް އޮތް 30 އަހަރަށް (އެއްބަސްވުމުގެ މުއްދަތަށް) ވާދަވެރި އެއާޕޯޓެއް ތަރައްގީ ކުރުން، ނުވަތަ އަޕްގްރޭޑް ކުރުން ވެސް ވަނީ މަނާކޮށްފައެވެ. މި އެއްބަސްވުމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުން ދަނީ، އަދާނީ ގްރޫޕާއެކު ހަދާފައިވާ އެއްބަސްވުމުން ފެނިގެންދަނީ، ސިޔާސީ މަންފާތަކެއް ހާސިލްކުރުމާއި، އަމިއްލަ ފައިދާއަށް އިސްކަންދީ ގައުމުގެ ތަރައްގީގެ ކުރިމަގު ގުރުބާންކުރާ މަންޒަރު ކަމަށެވެ.

އޭވިއޭޝަން ޔޫނިއަނުން ބުނަނީ ޖޭކޭއައިއޭ އަދާނީ ގްރޫޕަށް ކުއްޔަށް ދިނުމަކީ އެ ގައުމުގެ ލޭބާ ގާނޫނާ ހިލާފު އަދި ކެންޔާގެ މަސައްކަތްތެރިންގެ މަސްލަހަތު ގެއްލޭ ކަމެއް ކަމަށެވެ. އެ ޔޫނިއަނުން ވަނީ ސަރުކާރުން އެ އެއްބަސްވުން ބާތިލްކޮށް، ކެންޔާގެ އޭވިއޭޝަން މުވައްޒަފުންގެ ވެލްފެއާއަށް އިސްކަން ދިނުމަށާއި، އަދި ގައުމީ ތަރަށްގީއަށް އިސްކަންދިނުމަށް ގޮވާލައިފައެވެ.

އަދާނީ ގްރޫޕުން ޖޭކޭއައިއޭ އާ އެކު ހަދާފައިވާ އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ މައި އެއަރޕޯޓް (ވީއައިއޭ) އިންޑިއާގެ ޖީއެމްއާރު ގްރޫޕަށް ކުއްޔަށް ދިނުމަށް ހެދި އެއްބަސްވުމާ ދާދި އެއްގޮތަށް ހަދާފައިވާ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ، އަދި ގައުމީ ތަރައްގީއަށް ހުރަސްއެޅި، ވަކިބައެއްގެ އަމިއްލަ ބާރުގެ ދަށަށް މިފަދަ ހުރިހާ މަޝްރޫޢުތަކެއް ގެންދެވޭ ގޮތަށް ހަދާފައިވާ އެއްބަސް ވުމެއް ކަމަށް ވެއެވެ.

ޖީއެމްއާރުގެ އެއްބަސްވުމުގައި ވާފަދައިން، ޖޭކޭއައިއޭގެ އެއްބަސްވުމުގައިވެސް، 30 އަހަރުގެ ދިގުމުއްދަތުގެ އިތުރުން، އަދާނީ ގްރޫޕަށް 18 އިންސައްތައިގެ ބޮޑު އިކުއިޓީ ރިޓާންއާއި، ވާދަވެރި ބީލަމެއްގެ ތެރޭން އެއްބަސްވުން ނުހެދުމާއި، ނުފޫޒާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްބަސްވުން ހެދުމާއި، އަދި  މާލީ ނުތަނަވަސްކަމުގެ އިތުރުން، ގާނޫނީގޮތުންވެސް ގައުމަށް ބޮޑު ބުރައެއް ޖެހޭގޮތަށް އެއްބަސްވުން އޮތުން އެއީ ކެންޔާގެ އޭވިއޭޝަން ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންތައްތަކެވެ.

މުޒާހަރާ ކުރާ މުވައްޒަފުންނާއި، ކެންޔާގެ އޭވިއޭޝަން ޔޫނިއަނުން ދަނީ، އެގައުމުގެ ވައިގެ ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރ ކުރިއެރުން އެތައް ޒަމާނެއް ވަންދެން ހުއްޓިދާނެ ފަދަ އެއްބަސްވުމެއް ޤަބޫލުކުރަންވީތޯ ބުނެ ސުވާލު އުފައްދަމުންނެވެ.