މެންޗެސްޓާ ޔުނައިޓެޑުގެ ބްރެޒިލް މިޑްފީލްޑަރު ކާލޯސް ހެންރިކޭ "ކަސެމިރޯ"  ލޯނެއްގެ ދަށުން ތުރުކީގެ ގަލަތަސަރައިއަށް ބަދަލުވުމަށް ދެކޮޅު ހަދައިފިއެވެ.

ތުރުކީގެ ކްލަބުގެ ޝައުގުވެރިކަން ހުރި ނަމަވެސް، ބްރެޒިލްގެ ތަރި ވަނީ އޭނާ ބޭނުމީ، އޯލްޑް ޓްރެފޯޑްގައި ދެމިހުރުމަށް ކަމަށާއި އަދި ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ވެސް މަސައްކަތް ކުރުމަށް ވައުދުވެފައެވެ.

ރެއާލް މެޑްރިޑުން 2022 ވަނަ އަހަރު 60 މިލިއަން ޕައުންޑުގެ މުސާރައާއެކު ޔުނައިޓެޑަށް ބަދަލުވި، ޢުމުރުން 32 އަހަރުގެ ކަސެމިރޯއަކީ މިހާރު އެ ކްލަބުގައި ހުރި އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާއެވެ.

އަދި ގަލަތަސަރައި އިން ދެފަރާތަށްވެސް ފައިދާ ހުރި ހުށަހެޅުމެއް ހުށަހެޅިނަމަވެސް، އަދި އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ކުޅެ 3-0ގެ ނަތީޖާއަކުން ބަލިވި މެޗުގައި ކަސެމީރޯއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު މި ޑީލަށް އޭނާ ދެކޮޅުހެދުމުގެ ސަބަބުން ޔުނައިޓެޑަށް މަޖުބޫރުވެފައި ވަނީ އޭނާ ބެހެއްޓުމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ހޫނު މޫސުމުގެ ޓްރާންސްފަރ ހުޅުވުމާއެކު ޔުނައިޓެޑުން ވަނީ ކަސެމިރޯ ބޭރުކޮށްލެވޭނެ ގޮތެއް އޮތްތޯ ބަލަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.