ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު އެންފީލްޑްގައި މަޑުކުރަން ބޭނުންވާ ކަމަށް، އެ ކްލަބުގެ ޒުވާން ފޯވާޑް ލުއިސް ޑިއާޒް ބުނެފިއެވެ.

ސަލާހު ވަނީ މިއީ ލިވަޕޫލްގައި އޭނާ ހޭދަކުރާނެ "އެންމެ ފަހު އަހަރު" ކަމަށް ބުނެފައެވެ. އެގޮތުން އޭނާގެ މިހާރުގެ އެއްބަސްވުން އަންނަ ހޫނު މޫސުމުގައި ހަމަވާނެއެވެ.

މިސްރުގެ ޤައުމީ ފުޓްބޯޅަ ތަރި ވަނީ މިސީޒަންގައި އެ ކްލަބަށް އޭނާ ކުޅުނު ތިން މެޗުގައި ތިން ގޯލު ޖަހައި ތިން އެސިސްޓް ހަދައިފައެވެ. އެހެންކަމުން އޭނާ ވަކިވުމަކީ ޓީމަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމެއް ކަމަށް ޑިއާޒް ގަބޫލުކުރެއެވެ.

ޑިއާޒް ގަބޫލުކުރާ ގޮތުގައި ސަލާހަކީ ލިވަޕޫލްގެ ސްކޮޑުގެ އެއް ތަނބެވެ. އެހެންކަމުން ސަލާހު އެ ޓީމުގައި މަޑުކުރުމަކީ ކްލަބުގެ ކާމިޔާބީއަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ބުންޏެވެ.