އިނިގރޭސި ޕްރެމިއަރ ލީގު ކްލަބް ޗެލްސީއަށް އަލަށް ސޮއިކުރި، އިނގިރޭސި ޒުވާން ތަރި ޖެޑޮން ސަންޗޯގެ ފުރަތަމަ ޓްރެއިނިން ސެޝަނުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޗެލްސީގެ ސަޕޯޓަރުންގެ މެދުގައި މިވަނީ އެ ނަން ގުގުމާލައިފައެވެ. ޓްރާންސްފަރ ޑެޑްލައިން ދުވަހު، މެންޗެސްޓާރ ޔުނައިޓެޑުން ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ބަދަލުވި އުމުރުން 24 އަހަރުގެ ސަންޗޯ، އާ ކްލަބަށް ހޭނުމަށް، ކުޑަ ވަގުތުކޮޅެއްވެސް ބޭކާރު ނުކުރާނެ ކަމަށް ބެލެވެއެވެ.

ޗެލްސީއަށް ސޮއިކުރުމަށް ފަހު، އޭނާ ބައިވެރިވި ފުރަތަމަ ޕްރެކްޓިހުގައި ވެސް ސަންޗޯވަނީ ސަޕޯޓަރުންގެ ހިތްތައް ފަތަހަކޮށްފައެވެ. އޭނާގެ ހުނަރު ދައްކާލުމުން ކްލަބުގެ ސަޕޯޓަރުން ވަނީ ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑީނިއޯއާއި ޗެލްސީގެ ކުރީގެ ތަރި އެޑެން ހަޒާޑް ފަދަ ލެޖެންޑަރީ ކުޅުންތެރިންނާ އޭނާއާ އަޅާކިޔާފައެވެ.  ސަންޗޯ ވަނީ އޭނާގެ ޓްރޭޑްމާކް ޑްރިބްލިން އާއި މޮޅު ކޮންޓްރޯލްތައް ދައްކައި، އޭނާގެ ސަބަބުން ޓީމަށް ގެނެވިދާނެ ކުރިއެރުންތަކާ މެދު ސަޕޯޓަރުންގެ މެދުގައި ޔަގީންކަންކަށަވަރުކޮށްދީފައެވެ.⚽️

މެންޗެސްޓާ ޔުނައިޓެޑްގައި ކުޅުމުގެ ފުރުސަތު ހޯދަން ސަންޗޯއަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ޗެލްސީގެ އުންމީދަކީ، މި ޒުވާން ހުނަރުވެރި ކުޅުންތެރިޔާގެ މުސްތަގުބަލު އަލުން އާރާސްތު ކުރުމެވެ. ސަންޗޯގެ ބޮލުގައި އެޅިފައިވާ 25 މިލިއަން ޕައުންޑް (32 މިލިއަން ޑޮލަރު)ގެ ބޮޑު އަގަކީ އޭނާއަށް ޗެލްސީގައި ޕާފޯމް ކުރާން އިތުރު ޕްރެޝަރާއި އަދި ހިތްވަރުވެސް ލިބޭނޭ ކަމެކެވެ.

ސުވާލަކީ އެ ޖޯޝާއި ފޯރީގައި ސަންޗޯ ދެމިހުންނާނެ ހެއްޔެވެ؟ މީގެ ޖަވާބަކީ، މިހުންނަނީ ވަގުތު ނަގާނޭ ކަންކަމެވެ. އެކަމަކު އާ ކްލަބާއެކު ބޭއްވި ފުރަތަމަ ޕްރެކްޓިހުގައި އޭނާގެ ފަރާތުން ފެނިގެން ދިޔަ ހިތްގައިމު ފުޓްބޯޅައިގެ ހުނަރުތަކާ އެކު ޗެލްސީގެ ސަޕޯޓަރުން ތިބީ ހަމަ ޔަގީނުން ވެސް އުންމީދުއާވެފައެވެ.