އޮގަސްޓް 29، 2024- ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން، ޣައްޒާގައި ދެ ފިޔަވަހީގެ ޕޯލިއޯ ވެކްސިން ކެމްޕޭނެއް، 1 ސެޕްޓެމްބަރުން ފެށިގެން ހިންގަން ނިންމައި އެކަން ޢިއުލާނުކޮށްފިއެވެ. މި ކެމްޕެއިންގެ އަމާޒަކީ 10 އަހަރުން ދަށުގެ 640،000 އަށްވުރެ ގިނަ ކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމެވެ.

ޑަބްލިއުއެޗްއޯގެ މަންދޫބު ރިކް ޕީޕަރކޯން ވިދާޅުވީ، ޣައްޒާގައި ޕޯލިއޯ ފެތުރުން ހުއްޓުވުމަށް މި ކެމްޕޭނަކީ ކޮންމެހެން ބޭނުންތެރި ކެމްޕެއިނެއް ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުގައި އިޒްރޭލުން ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކެމްޕޭނަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ޕީޕަރކޯން ވަނީ ހަރުދަނާގޮތެއްގައި ޣައްޒާގެ ތެރޭގައި ބަލި ފެތުރުން ހުއްޓުވައި, ބައިނަލްއަޤްވާމީ ފެންވަރުގައި ބަލި ފެތުރުން ހުއްޓުވުމަށް ކެމްޕެއިންގެ ކޮންމެ މަރުހަލާއެއްގައި މަދުވެގެން 90 އިންސައްތަ ކުދީންގެ ކަވަރޭޖެއް ޙާޞިލުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި އޭނާ ވަނީ، ހަނގުރާމަ ހުއްޓާލައި ކުޑަކުދިންނާއި ޢާއިލާތަކަށް ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ރައްކާތެރިކަމާއެކު ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިލްތިމާސްކޮށްފައެވެ.

ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހިންގޭނޭގޮތެއް ނެތިގެން ބަންދުކޮށްފައި އޮތުމުން، ޕީޕަރކޯން ވަނީ ވެކްސިން ކެމްޕޭނުގައި ބައިވެރިވާ އެންމެންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވައި، ޣައްޒާގެ މުޅި ޞިއްޙީ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑަބްލިއުއެޗްއޯއިން ދަނީ ފަލަސްތީނުގެ ހެލްތު މިނިސްޓްރީ އާއި ޔުނިސެފް އަދި ޔޫއެންއާރްޑަބްލިއުއޭއާ ގުޅިގެން މި ކެމްޕޭން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.