ހަމާސްގެ ކިބައިން ބަދަލުހިފަން ކަމަށް ބުނެ، އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޢުދުވާނުގެ ތެރޭގައި، ޞިއްޙީ ޙާލަތު ބޮއްސުންލައި، ޣައްޒާގައި ނުރައްކާ ދަރަޖައަކަށް ޕޯލިއޯ ފެތުރުމުގެ ބިރު ހީވެ، އެހީދޭ ޖަމިއްޔާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

ވެކްސިން ނުޖަހާ 10 މަހުގެ ކުއްޖެއް ފޯލިއޯއަށް ޕޮޒިޓިވްވެފައިވާއިރު، ޣައްޒާގެ އެކި ކަންކޮޅުތަކުގައި ފެތުރިފައިވާ ކުނި ފެންގަނޑުތަކާއެކު ވައިރަސް ފެތުރުމުގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން ދަނީ ވެކްސިން ކެމްޕޭނަށް މަގުފަހިކުރުމުގެ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ޔުނިސެފުން ވަނީ ޣައްޒާގެ ކުޑަކުދިންނަށް މިއުޓޭޝަންގެ ނުރައްކާ ކުޑަ، އެޑްވާންސް ޕޯލިއޯ ވެކްސިނެއްގެ 1.6 މިލިއަނަށް ވުރެ ގިނަ ޑޯޒް ދޭން ނިންމައިފައެވެ.

ހަނގުރާމައިގެ ސަބަބުން ސިއްހީ އުމްރާނީ ވަސީލަތްތައް ހަލާކުވެ، ޣައްޒާގެ ހޮސްޕިޓަލްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި، މަސައްކަތް ތައް ހިނގަމުންދާއިރު، ވެކްސިން ޖެހުމުގެ މަސައްކަތަށް ލޮޖިސްޓިކް ގޮތުން ވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޕޯލިއޯގެ ނުރައްކާ އެނގި އިޒްރޭލުގެ އަސްކަރިއްޔާއިން އެގައުމުގެ ސިފައިންނަށް ވެކްސިން ދީފައިވާއިރު، ފަލަސްތީނުގެ ކަންކަން ބަލަހައްޓާ އިޒްރޭލުގެ ޖަމާޢަތެއްކަމަށްވާ ކޯގަޓް އިން ވަނީ ފުޅާ ދާއިރާއެއްގައި ފުރިހަމަ ވެކްސިން ކެމްޕެއިނަކަށް ތާއީދުކުރާ ކަމުގެ އިޝާރާތެއް ދީފައެވެ.

އަދި ވެކްސިން ޖެހުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ހަނގުރާމަ ހަތް ދުވަހަށް މެދުކެނޑާލަން ހަމާސްއިން ވެސް އެއްބަސްވެފައެވެ. އަދި ސިއްހީ ކާރިސާއެއް ކުރިމަތިވިޔަ ނުދިނުމަށް ޓަކައި ސުލްހަ ގާއިމުކުރަން ޖެހޭ ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.