މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާއާ ގުޅިގެން، މާދަމާ (14 އޯގަސްޓް، 2024، ބުދަ ދުވަސް)އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ވީ ނަމަވެސް، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތް ލިބޭނޭކަމަށް އެ ބޭންކުން ބުނެފިއެވެ. 

ބީއެމްއެލްއިން ބުނީ، އެބޭންކުގެ ހުރިހާ ބްރާންޗެއް ހުޅުވައި ޚިދުމަތްދޭނެ ކަމަށާއި އެގޮތުން، ރަސްމީ ދުވަސްތަކެކޭ އެއްގޮތަށް ބީއެމްއެލް ހުޅުވައި، ހުރިހާ ޚިދުމަތެއް ދޭން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާއާ ގުޅިގެން، ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އެތައް ގެޔަކަށާއި ވިޔަފާރިތަކަށާއި މުދަލަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްލިބި، އަދި ގިނަބައެއްގެ އާންމު ދިރިއުޅުމަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައި ވާތީ މާދަމާ (14 އޯގަސްޓް، 2024، ބުދަ ދުވަސް)އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފައެވެ.