ފާއިތުވި އަހަރުތަކުގައި އައި އެންމެ ބާރުގަދަ އެއް ތޫފާން ކަމަށްވާ ސުޕަ ޓައިފޫން ޔާގީގެ ސަބަބުން ޗައިނާގެ ހައިނާން އައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ހުކުރު ދުވަހު، ޗައިނާގެ ހައިނާން އައިލެންޑަށް އެރި ޔާގީއަކީ، 2024 ވަނަ އަހަރުގެ މިހާތަނަށް އޭޝިއާއަށް އެރި އެންމެ ބާރުގަދަ ތޫފާނުގެ ގޮތުގައި ވަނީ ރެކޯޑުކުރެވިފައެވެ.

ހައިނާން އައިލެންޑަށް އެރި ތޫފާނުގައި ގަޑިއަކު ގާތްގަނޑަކަށް 223 ކިލޯމީޓަރު (138 މޭލު) ބާރުމިނުގައި ވައިގަދަވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގަސްތައް ވެއްޓި، މުޅި ރަށުގެ އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ތޫފާނާއެކު އެތަކެއް ފަހަރު މަތީން ކަރަންޓު ކެނޑުމުގެ ސަބަބުން 830،000 އަށް ވުރެ ގިނަ ގޭބިސީއަށް ވަނީ އަސަރުކޮށްފައެވެ. ނަމަވެސް ގާތްގަނޑަކަށް 7،000 އެއްހާ ސިފައިންގެ މައްޗަށް އެކުލެވޭ އިމަޖެންސީ ޓީމުތަކުން ކެނޑިނޭޅި މަސައްކަތްކޮށް، މިހާރު ވަނީ، 260،000 ގެއަކަށް އަލުން ކަރަންޓު ފޯރުކޮށްދީފައެވެ.

ތޫފާނުގެ ސަބަބުން 400،000 އަށް ވުރެ ގިނަ މީހުން އެސަރަހައްދުން ނެރެ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާއިރު، އޭގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވާނޭ ކަމަށް ބެލެވެއެވެ. ތޫފާނާއެކު ހައިނާންގައި ހަލަބޮލިކަން އިތުރުވެގެން ދިޔަ ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކު މަރުވި ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ހައިނާން ފަހަނައަޅައި މި ތޫފާނުގެ ނުރައްކާ ވަނީ، ގުއާންޑޮންގާއި، ވިއެޓްނާމްގެ އުތުރުގެ ރަށްތަކަށް ވެސް ފޯރައިފައެވެ. އަދި ތޫފާނުގެ ސަބަބުން، ދަނޑުވެރިކަމާއި ޓޫރިޒަމަށް ބަރޯސާވާ ހައިނާނަށް، އިގްތިސާދީ ގޮތުން ކުރާނޭ ނޭދެވޭ އަސަރު ވަރަށް ބޮޑުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން، މި ހިތާމަވެރި ދަނޑިވަޅުގައި، ހައިނާންގެ ރައްޔިތުންގެ ފަރާތުން ފެނިގެންދާ އެއްބައިވަންތަކަމާއި އިމަރޖެންސީ ޚިދުމަތްތަދޭ ފަރާތްތަކުގެ ލިބެމުންދާ، ވަރުގަދަ ތަރުޙީބާއި އެއްބާރުލުމުގެ ސަބަބުން، އެރަށް އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް ދާނޭކަމަށް ބެލެވެއެވެ.