ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، މަގުތަކުގައި ފެންބޮޑުވެ ކުނީގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމުގެ ގޮތުން، މިދުވަސްވަރު މަގުތަކަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝާން (ވެމްކޯ)އިން އިލްތިމާސްކޮށްފިއެވެ.

ވެމްކޯއިން ބުނީ، "ކުނި ނެރުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ފަސޭހައިން ކުނި ނެގޭނޭ ގޮތަށް ބެހެއްޓުމަށާއި، މަގުމަށްޗަށް ކުނި ނުނެރުމަށް އެދޭ" ކަމަށެވެ.

އަދި " ކުނި ނުނެގި ހުރި ނަމަ މި ކޯޕަރޭޝަންގެ ހޮޓްލައިން 1666އަށް ގުޅައިގެން އެކަން ރިޕޯޓުކުރުމަށް އެދެން" ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރުއަދާކޮށްފައެވެ.