މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މާލެ ސިޓީގެ ދަފްތަރަށް ނިސްބަތްވާ އެތަކެއް ހާސް ރައްޔިތުންގެ ތެރޭން ގާތްގަނޑަކަށް 5،000 އާ ގާތްކުރާ ޢަދަދެއްގެ ރައްޔިތުންނަށް ވޯޓުލުމުގެ އިންތިޒާމް އިލެކްޝަންސް ކޮމިޝަނުން ހަމަ ޖައްސައިދީފައި ވަނީ، ތަކުލީފު ބޮޑު ދިގު ދަތުރެއް ކޮށްގެން ވޯޓު ލާގޮތަށެވެ. މިއީ އީސީން އިންތިޒާމްކުރާ އިންތިޚާބުތަކުގެ ތާރީޚުގައިވެސް މިފަދަ ގިނަ ޢަދަދެއްގެ ރައްޔިތުން ކަނޑާއި ބްރިޖް ހުރަސްކޮށް ވޯޓުލުމަށް މިފަދަ ދިގު ދަތުރެއް ކުރާން ޖެހޭ، ތާރީޚީ ރެކޯޑަކަށްވެސް ވާނެއެވެ. 

ދަފްތަރުގެ މެޖޯރިޓީ އޮންނަ ގޮތަށް، މިފަހަރުގެ އިންތިޚާބުގައި ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާގެ ގޮނޑި ކަނޑައަޅާފައި ވާއިރު، މި ދެގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ދަފްތަރަށް ނިސްބަތްވާ ގާތްގަނޑަކަށް 7500 ވަރަކަށް ރައްޔިތުން ވޯޓުލާނެއެވެ. މީގެ ތެރޭން ފަސް ހާހެއްހާ ރައްޔިތުން ދިރިއުޅެނީ ސީދާ މާލެ، އަދި ވިލިމާލޭގައެވެ. ނަމަވެސް، މި ރައްޔިތުންނަށް ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން މަރުކަޒު ގާއިމުކޮށްފައި ވަނީ، ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައެވެ.

ކުރިން މާލޭގެ އެކިއެކި ދާއިރާތައް ހެޔޮވަރުކުރާން ބޭނުންކުރަމުން ދިޔަ ދަފްތަރު ރައްޔިތުންނަށް، މިފަހަރު އެ ރައްޔިތުންގެ އަޣުލަބިއްޔަތުން 2 ގޮނޑިއަށް މެންބަރުން ހޮވޭގޮތަށް އޮތުމުން ގިނަޢަދަދެއްގެ ރައްޔިތުން ތިބީ، އެ ރައްޔިތުން ބޭނުންވާ ކެންޑިޑޭޓުން ހޮވުމަށް ކެތްމަދުވެފައެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިވަނީ، ދުވަސްވީ މީހުންނާއި ބަލިމީހުންވެސް ހިމެނޭގޮތަށް ގިނަ ޢަދަދެއްގެ ރައްޔިތުންނަށް މިފަދަ ދިގު އުނދަގޫ ދަތުރެއްކުރިމަތި ކުރުވައި، އެ ފަރާތްތަކުގެ ވޯޓު ލުމުގެ ޙައްޤަށް އަރައިގެންފައެވެ.

ދަފްތަރު ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރާ ކެންޑިޑޭޓް އަޙްމަދު މުޖްތަބާ (ދަފްތަރުމުޖޭ) ފިޔަވައި، މިކަމާ ގުޅޭގޮތުން، މިފަހަރު އިންތިޚާބުގައި ވާދަކުރާ އެއްވެސް ޕާޓީއަކުން ވެސް އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކުވެސް ކަންބޮޑުވުން ފާޅެއް ނުކުރައްވައެވެ.

މުޖޭ ވިދާޅުވީ، "ހުޅުމާލެ މެދު ދާއިރާގައި ހިމެނޭ އެތަކެއް ސަތޭކަ ރައްޔިތުންނަށް ވޯޓުލުމުގައި އިންތިހާއަށް ދަތިވާނޭގޮތަށް، ހަމައެކަނި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ވޯޓުލާ މަރުކަޒުތައް ގާއިމުކޮށް، ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމުން ކަންބޮޑުވާކަމަށެވެ. އަދި އޭނާއަށް ތާޢީދުކުރާ އެތައް ސަތޭކަ ރައްޔިތުންނަށް މި އުނދަގޫ ޖައްސާފައި މިވަނީ، ސިޔާސީ ނުފޫޒުގަދަ ފާރާތްތައް އެގޮތަށް ބޭނުންވާތީކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އިންތިޚާބާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ ފަދައިން، ވޯޓުލުމުގެ ކަންކަން ހަމަޖައްސަވާއިރު، އިލެކްޝަންސް ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި މަޤުޞަދުތަކުގެ ތެރޭގައި، "ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި އަދި ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަން ކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުން" ހިމެނެއެވެ.

ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތައް ޢިއުލާނުކުރުމާއެކު، ދަފްތަރު މުޖޭ ވަނީ، މި ކަންބޮޑުވުންތައް އީސީއާއި، އެޗްއާރސީއެމްއާއި، އޭސީސީއާއި އަދި ރައްޔިތުންގެ މަޖިލީހާވެސް ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން ޓްރާންސް ޕޭރަސްނީ މޯލްޑިވްސްއާ ބައެއް ސިޔާސީ ޕާޓީތަކުގެ ވެރީންނާ ވެސް މި ކަންބޮޑުވުން އޭނާ ހިއްސާކުރެއްވިއެވެ.

ނަމަވެސް، މިއަދާ ހަމައަށްވެސް ދަފްތަރު ރައްޔިތުންނަށް ވޯޓުލުމަށް ޖައްސާފައިވާ ތަކުލީފަށް ލުޔެއް ދީފައެއް ނުވެއެވެ. އަދި އީސީ ފިޔަވައި، ކުރިން މިދެންނެވި އެއްވެސް ފަރާތަކުން ޖަވާބެއްވެސް ދީފައި ނުވާކަމަށް މުޖޭ ވިދާޅުވިއެވެ.

ދަފްތަރުމުޖޭގެ ސިޓީއަށް އީސީން ދެއްވި ޖަވާބުގައި ވަނީ، "އެދިވަޑައިގެންފައިވާ ގޮތަށް، 21 އޭޕްރީލް 2024ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ކޮންމެ އަވަށެއްގައި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށް ވޯޓުލެވޭގޮތަށް ވޯޓުފޮށްޓެއް ބެހެއްޓެން ނެތް ވާހަކަ ދަންނަވަން" ކަމަށެވެ.

ދަފްތަރުމުޖޭ ވިދާޅުވީ، ހުޅުމާލޭ މެދު ދާއިރާއާއި، ހުޅުމާލޭ އުތުރު ދާއިރާއަށް ވޯޓުލަނީ ދަފްތަރުގެ މެޖޯރިޓީ ރައްޔިތުންކަމުން، މިއީ ސިޔާސީ ޕާޓީތަކާއި އަދި ދެންތިއްބެވި ފަރާތްތަކަށް މިއީ އެހާ ހިތްހަމަޖެހޭ ކަމެއް ކަމުގައި ނުފެންނަކަމަށެވެ. މީގެ އިތުރުން މަޖިލީސް އިންތިޚާބަށް އެކުލަވައިލި ޤައުމީ ލަފާދޭ ކޮމިޓީގައިވެސް މިހުރިހާ ފަރާތްތަކާއި މީޑިއާވެސް ޝާމިލްވާއިރު، އެތަކެއް ހާސް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤު މިގޮތަށް ހަނިކޮށްލުމުން އެކަމާ އެއްވެސް ފަރާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ނުވުމަކީ، މިކަމުގައި ނޭދެވޭ ނުފޫޒުތަކެއް އުޅޭކަމުގެ ހެއްކެއްގެ ގޮތުގައިވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ދަފުތަރު ރައްޔިތުންގެ ކިބައިން މުޖޭ އެދިވަޑައިގަންނަވަނީ، ކިތަންމެ ބޮޑު ތަކުލީފަކާއި ކިތަންމެ ބޮޑު އުނދަގޫތަކެއް ކުރިމަތިކުރި ނަމަވެސް، މިފަހަރު، ދަފްތަރު ރައްޔިތުންނަށް އަމިއްލަ ބާރުގައި މަޖިލީހުގައި ތަމްޘީލުވުމަށް ލިބޭ ފުރުޞަތު ދޫކޮށް ނުލައްވައި، ހުރިހާ ބޭފުޅުންވެސް ވޯޓުލުމުގެ ފަރުދީ ޒިންމާ އަދާކުރެއްވުމަށެވެ.

އަދި މާލޭގެ ދަފްތަރު ރައްޔިތުންނާމެދު ސިޔާސީ އެކި ފަރާތްތަކުން ވަމުން އަންނަ ޒަމާންވީ އިޙްމާލުތައް ހުއްޓުވުމަށާއި އެކަންކަމަށް ރައްދު ދިނުމުގެ ގޮތުން، ހުޅުމާލޭ މެދު ދާއިރާގެ ކެންޑިޑޭޓް ނަންބަރު 1، ތަފާތު ބޮޑު ނަތީޖާއަކުން މަޖިލީހަށް އިންތިޚާބުކޮށްދިނުމަށް ދަފްތަރުމުޖޭ އެދިވަޑައިގަތެވެ.

 

ދަފްތަރުމުޖޭގެ ކެމްޕޭން ޕޯސްޓަރެއް