`

ހުޅުމާލެ މެދު ދާއިރާއަށް ދަފްތަރުމުޖޭގެ ތަޞައްވުރާއި ވަޢުދުތައް:

  • ހުޅުމާލޭގެ މެދުދާއިރާ (T16)ގައި ވާ ރައްޔިތުންނަކީ، ޚާއްސަކޮށް މި ދާއިރާގައި ހިމެނޭ ދަފްތަރު ރައްޔިތުންނަކީ އެއްވެސް ތަފާތެއް، އިސްތިސްނާއެއް ނެތި މާލޭގެ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ އެންމެހައި ފުރުސަތުތަކާއި، ހިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިދޭ، މާލޭގެ އެހެނިހެން ރައްޔިތުންނެކޭ އެއްފަދައިން، ދަފްތަރު ރައްޔިތުންނަކީވެސް ގަދަރާއި އިހުތިރާމު ލިބިގެންވާ ރައްޔިތުންނަށް ހެދުން.
  • ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެންމެ ފުރަތަމަ ހިންގި ބިންވެރިޔާ ސްކީމްފަދަ ބޯހިޔާވެހިކަމާއި ގެދޮރުވެރިކުރުން ފަދަ މަޝްރޫޢުތަކުގައި ޣައިރުޤާނޫނީ ޝަރުތުތަކާއި އުސޫލުތަކުގެ ތެރޭން، މާލޭގައި ވަޒަންވެރިވެފައިވާ އެތަކެއް ހާސް ދަފްތަރު ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތްފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުން.
  • ބޯހިޔާވަހިކަމާއި އަދި އެނޫންވެސް އަސާސީ ޚިދުމަތްތަކަކީ، ކަނޑައެޅިފައިވާ ނިޒާމުން ބޭރުން، ބާރާއި ނުފޫޒު ބޭނުންކޮށްގެން، ވަކި ކުލައަކަށް ނުވަތަ ވަކި ފިކުރަކަށް ތާޢީދުކުރާތީ، ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި ޢާއިލާއަކަށް ނިސްބަތްވީތީ ދެވޭ ޚިދުމަތްތަކެއް ނޫންކަމުން، ޤާނޫނާ ޤަވާއިދާއި އުސޫލުތަކުގެ ތެރޭން ފިޔަވަޅު އަޅައިގެން، އެ ޚިދުމަތް ފޯރުކޮށްދޭން ތިބި ފަރާތްތައް ޒިންމާދާރުކުރުވައި، ފުރިހަމައަށް ޖަވާބުދާރީ ކުރުވައި ހަމަހަމަކަން ކަށަވަރުކުރުން.  
  • އިންޝާ ﷲ، މިނިވަން ކެންޑިޑޭޓަކަށް ވުމުން އަޅުގަނޑު ތަބާވާންޖެހޭ ވިޕްލައިނެއް ނޯންނާނެ. އަޅުގަނޑުގެ ވިޕްލައިނަކީ މި ދާއިރާގެ ރައްޔިތުންގެ ހައްގުތައް. އަޅުގަނޑު ހިމާޔަތްކުރާން ޖެހޭ ވިޔަފާރިއެއް އަދި ވިޔަފާރިވެރިއެއް ނުހުންނާނެ. އަޅުގަނޑު ހިމާޔަތް ކުރަން އޮންނާނީ ދާއިރާގެ ތިޔަ ލޮބުވެތި ރައްޔިތުންނާއި ގައުމުގެ މަސްލަހަތު.

އަޅުގަނޑު މިދާއިރާ ތަމްސީލުކުރުމުގަ އަދި އަމިއްލަ ދިރިއުޅުމުގަވެސް ގެންގުޅޭނެ އަގުތަކާ ހަމަތައް:

ތެދުވެރިކަން:

ދީނީ އަސާސުތަކާ ދިވެހިގައުމުގެ މަތީ މަސްލަހަތު ހިމެނޭ ހުރިހާ ކަމެއްގައި ދީނަށާ ގައުމަށް ތެދުވެރިވުން. ދާއިރާގެ ރައްޔިތުންގެ ހައްގުތައް ރައްކައުތެރިކުރުމުގައި ތެދުވެރިވުން. ގާނޫނު ހަދާ މަޖިލީހުގައި ދާއިރާގެ ހައްގުގައި ވަކާލާތުކުރުމުގައި ތެދުވެރިވުން.

އަމާނާތްތެރިކަން:

އަޅުގަނޑަށް އާއްމު ދިރިއުޅުމުގައިވެސް އަދި ދާއިރާގެ މަސްއޫލިއްޔަތު އަދާކުރުމުގައިވެސް އިސްލާމީ މާތް އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން އަމާނާތްތެރިކަމާއެކު އަމަލުތަކާ، އުޅުން ބެހެއްޓުން.

އިޚުލާސްތެރިކަން:

ދާއިރާގެ ރައްޔިތުންގެ މަސައްކަތުގައި ދެގޮތެއްނުވެ އެތެރެފުށާއި ބޭރުފުށުންވެސް އިޚުލާސްތެރި ޚާދިމެއްގޮތުގައި މަސައްކަތް ކުރުން.

ނަޒާހާތްތެރިކަން:

ވައްކަން ނުކުރުމާ، ވައްކަމުގައި ބައިވެރިނުވުމާ، ޚިޔާނާތާއި ފަސާދައާ ދެކޮޅަށް މަސައްކަތްކުރުންމަތީ ދެމިހުރުން. އާމްދަނީ، މިނިވަން އޮޑިޓަކުން އޮޑިޓްކޮށް އާއްމުކޮށް ފެންނާނެހެން ޝާއިއު ކުރުން.

ޖަވާބުދާރީވުން:

ދާއިރާގެ ރައްޔިތުންނަށް ޓައުންހޯލް ބައްދަލުވުންތައް މަޖިލީހުގެ ޓާމަކު އެއްފަހަރު ބޭއްވުމާއި، ކުރެވޭ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީވުން. މީގެ އިތުރުން ޚާއްސަ ސޮފްޓްވެއަރ އެޕްލިކޭޝަނެއްގެ އެހީގައި އަބަދުވެސް މުޢާމަލާތްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އަދި ޚާއްސަ ހާލަތްތަކާ ގުޅިގެން އެކި ކަންކަމުގައި މެސެޖު، ފޯނުކޯލު އަދި ބައްދަލުކޮށްގެން ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުން އަޑުއަހައި ޖަވާބުދާރީވުން.

 

އަޅުގަނޑުގެ މޮޓޯ: 

ހުޅުމާލޭ މެދުދާއިރާ ތަފާތުވާނެ -  ދަފުތަރުމުޖޭ ތަފާތުކުރުން ނައްތާލާނެ

 

އަޅުގަނޑުގެ މައިގަނޑު ވަޢުދުތައް:

  • ތަފާތުކުރުންތައް ނައްތާލުން:

ޤާނޫނުއަސާސީގައި ބުނާގޮތުން، ދަފްތަރުގައި ތިބި ރައްޔިތުންނަކީ ވެސް މާލޭގެ ގޯތިގެދޮރުގައި ރެޖިސްޓަރ ވެފައިވާ ރައްޔިތުންނެކޭ އެއް ފަދައިން މާލޭ ރައްޔިތުން ކަމަށް ވާއިރު، އެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމާއި، މާލޭ ރައްޔިތުންނަށް ލިބިދޭ އެންމެހައި ޙައްޤުތަކާއި އިމްތިޔާޒުތައް ހަމަހަމަކަމާއެކު، އެއް އުސޫލަކުން، އެއް ޝަރުތުތަކެއްގެ ތެރޭން، އެއްވެސް ތަފާތުކުރުމެއް ނެތި ލިބެނޭކަން ކަށަވަރުކުރުން.ވަޒަންވެރިވެ އުޅޭ އެޑްރެހުގެ ބަދަލުގައި ދާއިމީ އެޑްރެހަށް ބަލައިގެން، މިހާރު ހަނިކުރެވިފައިވާ ވޯޓުދިނުމުގެ ހައްގާއި، ބޯހިޔާވަހިކަމަށް އެދުމުގެ ޙައްޤާއި އަދި އެނޫންވެސް އެފަދަ ޙައްޤުތަކުން ރައްޔިތުން މަޙްރޫމްކުރުވާ އެންމެހައި ހުރަސްތަކާއި، ތަފާތުކުރުންތައް ނައްތާލުމަށް ގާނޫނީ ހައްލެއް ހޯދައިދިނުން.

  • މަޖިލީހުގައި އިއްވާނީ ސީދާ ދާއިރާ ރައްޔިތުންގެ އަޑު:

އިންޝާﷲ! އަޅުގަނޑު މަޖިލީހަށް ހޮވިއްޖެ ނަމަ، ހުޅުމާލޭ މެދު ދާއިރާގެ ރައްޔިތުންނަށް، ސޮފްޓްވެއަރ އެޕްލިކޭޝަނެއްގެ އެހީގައި، މެންބަރު ތަޅުމުގައި ބަހުސުކުރާ އިރުގައާއި އަދި ވޯޓު ދިނުމުގައި ދާއިރާގެ ރައްޔިތުންގެ ސީދާ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނޭ ގޮތަށް މަގުފަހިކޮށްދޭނަން.

އެގޮތުން، ދާއިރާގެ ރައްޔިތުން ބޭނުންވާ އެކިއެކި މަޝްވަރާތަކާ ޚިޔާލުތައް، މި ދެންނެވި އެޕްލިކޭޝަން މެދުވެރިކޮށް، ކޮންމެ ވަގުތެއްގައިވެސް މެންބަރަށް ހުށަހެޅޭނެ. އަދި މެންބަރު މަޖިލީހުގެ ތަޅުމުގައި ވޯޓު ދޭނީ ދާއިރާގެ ރައްޔިތުން ބޭނުންވާ ގޮތަށް.

  • ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި މިންވަރެއްގައި ހިފެހެއްޓުން: 

އޮފީހެއްގެ މަސައްކަތްތަކަކީ ކަނޑައެޅިފަވާ ކަމަކަށް ވުމާއި އެމަސައްކަތްތައް ކުރަން މީހުން ބޭނުންވާ އަދަދަކީ ސާފުކޮށް ފެންނަން އޮންނަ ކަމަކަށް ވީ ނަމަވެސް އެވަގުތަކު އޮންނަ ސަރުކާރަކުން ބޭނުން ވަރަކަށް ސިޔާސީ މުވައްޒަފުން ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކަށް ލުމުން ދައުލަތުގެ ފައިސާ އިސްރާފުވެ، ވުޒާރާތަކާ، ކުންފުނިތަކުގެ ހިންގުމަށް ނޭދެވޭ އަސަރުކޮށް ރައްޔިތުންގެ މެދުގައި ހަމަހަމަކަން ނެތި ސަރުކާރުތަކަށް އިތުބާރު ގެއްލޭ.

އަޅުގަނޑު ހުށަހަޅާ ގޮތަކީ ޕޭކޮމިޝަނުން ދައުލަތުގެ އެކި މުއައްސަސާތަކަށް މުސާރައާ އުޖޫރަ ހަމަޖައްސާއިރު އެތަންތަނަށް ސިޔާސީ މީހުން ބޭނުން ވާ ޢަދަދު އަދި އެމީހުންގެ މަސްއޫލިއްޔަތު ލިޔެ ބަޔާން ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހެޅުން. ނުވަތަ،

ސިޔާސީ މަޤާމުތަކަށް މުސާރައާ ޢިނާޔަތްތަކުގެ ގޮތުގައި ޚަރަދުކުރެވޭނޭ އެންމެ ބޮޑު މިންވަރު ދައުލަތުގެ ބަޖެޓުގައި ކަނޑައެޅުން.

މިގޮތަށް ބަޖެޓުގައި ވަކި ޢަދަދެއް ކަނޑައެޅުމުން، އެއިރެއްގައި އޮންނަ ސަރުކާރަކުން ސިޔާސީ މަޤާމުތައް ކިތަންމެ އިތުރުކުރި ނަމަވެސް، ބަޖެޓުން ޚަރަދުކުރާ މިންވަރު އޮންނާނީ ވަކި ހަމައެއްގައި ހިފެހެއްޓިފައި.

  • މަޖިލީސް މެންބަރުންނަށްވެސް ބޭސްފަރުވާ ހޯއްދެވުމަށް ކަނޑައެޅިފަވާ ތަންތަނުން އާއްމު ރައްޔިތުންނަށްވެސް ބޭސްފަރުވާ ކުރެވުން.

މިހާރު އޮންނަ އުސޫލަކީ ހަމަޖެހޭ އިންސާފުވެރި އުސޫލަކަށް ނުވާތީ އަދި ފެންވަރު ރަނގަޅު ގައުމުތަކުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުން ދައުލަތުގެ އިސް މަގާމުތަކާ މަޖިލިސް މެންބަރުންނާ އާއިލާއަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު އޮންނަހާ ހިނދަކު ދިވެހިރާއްޖޭގެ ހޮސްޕިޓަލްތަކާ، ސިއްހީ ނިޒާމު މިހާރު ހުރިވަރަށްވުރެ ރަނގަޅުކުރަން ބޭނުން ވާނެކަމަކަށް ނުބެލެވޭ. އަދި ރާއްޖޭން ބޭސްފަރުވާ ކުރުމުގައި ބޮޑެތި އަދަދުތަކުން އިންވޮއިސްކުރަމުން ދާކަން ފާހަގަކުރެވޭ.

އަޅުގަނޑު ހުށަހަޅާ ބަދަލުގައި ދިވެހި ހުރިހާ ރައްޔިތުންނަށްވެސް ފެންވަރު ރަނގަޅު ބޭސްފަރުވާ ކުރެވުމަށް މަގު ފަހިވާނެ. އަދި ރައްޔިތުންގެ ލާބައާ މަންފާއަށްކުރެވޭ މަސައްކަތްތަކުގައި އިޚްލާސްތެރިވެ ނަޒާހަތްތެރިކަން އިސްކުރުމަށް ސިޔާސީ ފަރާތްތަކަށް މަޖުބޫރުވާނެ.

  • މަޖިލީސް މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ބާރު.

މަޖިލީސް މެންބަރުންގެ މުސާރަ ބޮޑުކުރުމުގެ މިންވަރާ، ހާލަތްތަކާ، އެކަމަގު ބައިވެރިވާންޖެހޭ ފަރާތްތައް ގާނޫނުގައި ލިޔެވެން ޖެހޭ.

އަޅުގަނޑު ހުށަހަޅާ ގޮތުން މަޖިލީހުގެ މުސާރައަށް ބަދަލު އަންނަ ހާލަތަކީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ވެސް ބަދަލު އަންނަ ހާލަތު. މުސާރަ ބޮޑުކުރެވޭނެ މިންވަރަކީ ހުރިހާ މުވައްޒަފުންގެ މުސާރައަށްވެސް ނިސްބަތުން އެ ގެނެވޭ ބަދަލު. މުސާރައިގެ ކަންތަކުގައި ބައިވެރިވާނީ ދައުލަތުގެ ޕޭ ކޮމިޝަން. މުސާރަތައް ބޮޑުކުރާއިރު އެ އަންނަ ބަދަލުތައް ގެނައި ސަބަބު ބަޔާން ކުރަންވާނެ.

  • މަޖިލިސް މެންބަރުންގެ ހާޒިރީ އެލަވަންސް ތަޢާރަފްކުރުން

މިހާރު އޮތްގޮތުން މަޖިލީސް ޖަލްސާއަށް ހާޒިރު ނުވިނަމަވެސް މުސާރައިން އުންޏެއް ނުވޭ. މިކަން ބަދަލުވާން ޖެހޭ.

އަޅުގަނޑުގެ ހުށަހެޅުމުން މަޖިލީސް މެންބަރުންގެ ހާޒިރީ ރަނގަޅުވެ މަސައްކަތްތައް ހަލުއިވެ ކޯރަމްނުލިބުމުގެ މައްސަލަތަކަށް ބޮޑު ލުޔެއްލިބޭނެ.

  • މަޖިލީހުގެ ގޮނޑީގެ ޢަދަދު މަދުކުރުން.

ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގެ މަޖިލީސްތަކުން ނުފެންނަވަރަށް މެންބަރުން އިތުރުވެ ދައުލަތުގެ މާލިއްޔަތަށް އަނެއްކާވެސް އިތުރު ބުރަތަކެއް މިއޮތީ ޖެހިފައި.

އަޅުގަނޑުގެ ހުށަހެޅުމުން ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބި މަޖިލީހަކީ ވީހާވެސް މަދު އަދަދެއްގެ މެންބަރުން ތިބެގެން ހިންގޭ ތަނަކަށް ވެގެންދާނެ. މަދުކުރާނެ އަދަދު ކަނޑައެޅުމުގަ ދުނިޔޭގަ ހަރުދަނާކަމާ އެކު ހިންގާ ނިޒާމުތަކުގަ މަޖިލސް މެންބަރުންގެ އަދަދާ، ނިސްބަތާ، އުސޫލުތަކަށް ރިއާޔަތް ކުރާނަން.

  • ދާއިރާގެ ރައްޔިތުންގެ ވަކި އިންސައްތައަކާއެކު މެންބަރުން ވަކިކުރެވޭ ގޮތް ހަމަޖެއްސުން.

މިބަދަލު ގެންނަން މާ ލަސްވެސް ވެއްޖެ. ވަރަށް މަދު މެންބަރަކު ފިޔަވައި ހަރުދަނާ މަސައްކަތްތަކެއް ކުރާ ތަނެއް ނުފެނޭ. ދާއިރާގެ މެންބަރުންގެ ހައްޤުގައި ވަކާލާތުނުކޮށް، މަޖްލީހުގެ ތަޅުމުގައި ވަގުތު ބޭކާރުކޮށް، ދާއިރާގެ މެންބަރުންގެ އިތުބާރު ގެއްލޭފަދަ އަމަލުތައް މެންބަރެއްގެ ފަރާތުން ފެންނަނަމަ، މަޖިލިސް މެންބަރެއްގެ ޝަރަފާއި ޢިއްޒަތާ ލަގަބާއި ޢިނާޔަތްތައް މެދުނުކެނޑި ލިބެމުންދިޔުމުގެ ފުރުސަތު އޮވެގެންނުވާނެ.

އަޅުގަނޑުގެ ހުށަހެޅުމުން މަޖިލީހުގެ އުފެއްދުންތެރިކަން އިތުރުވެ، ދާއިރާގެ ރައްޔިތުންނަށް ނަފާވެރިކަމާއި އުފާވެރިކަން ލިބުމުގެ ފުރުސަތު ފަހިވާނެ. އެހެނީ މަޖިލީހުގައި މެންބަރު ދެމި ހުންނަން ބޭނުންކަމުގައިވާނަމަ، މަޖިލީހުގައި ދާއިރާގެ ރައްޔިތުންގެ މަސަލަހަތު އިސްކޮށް، ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރާނެ.

  • އެންޓި ޑިފެކްޝަން ގާނޫނު އަލުން ވުޖޫދުކުރުން 

(މިހާރު ވަނީ ޤާނޫނު ފާސްކޮށްފައި، ނަމަވެސް އިސްލާހުތައް ބޭނުންވޭ)

މަޖިލީހުގެ ގޮނޑިއަށް ރައްޔިތުން މެންބަރަކު އިންތިޚާބުކުރަނީ ވަކި ދާއިރާއެއް ނުވަތަ ވަކި ޕާޓީއެއް ނުވަތަ އަމިއްލަ ފަރުދެއްގެ ގޮތުގައި. މިހެން ހޮވޭ މެންބަރުން ޕާޓީ ބަދަލުކުރުމަކީ ހުރިހާ ދައުރެއްގައި ފެންނަމުންދާ ކަމެއް. އަދި ޕާޓީ ބަދަލުކުރުމާ ގުޅުވެނީ ރިޝްވަތުގެ ހުތުރު އަމަލުކަން އެންމެނަށް އެނގޭ.

އަޅުގަނޑުގެ ހުށަހެޅުމުން ގައުމުގެ ސިޔާސީ ހަމަޖެހުމަށް އެހީތެރިވެދޭނެ. އަދި ރިޝްވަތާ، އަޑި ނޭނގޭ ކަންތައްތަކުން މަޖިލީސް މެންބަރުން ސަލާމަތްވެ ރައްޔިތުންގެ ބާރު ގަދަވާނެ.

 

ޣައިރުޤާނޫނީ އުސޫލުތަކާއި ޝަރުތުތަކުގެ ތެރޭން ރައްޔިތުންގެ ކިބައިން ޙައްޤުތައް ނިގުޅައިގަތުން ނިމުމަކަށް ގެނައުމަށާއި، އަދި މި ދާއިރާގެ ހުރިހާ ރައްޔިތުންނަކީވެސް 100 އިންސައްތަ މާލޭ ރައްޔިތުންކަން ކަށަވަރުކުރުމާއެކު، އުފާވެރިކަމާއެކު އަމިއްލަ ގެދޮރުގައި، ކުށްމަދު މާހައުލެއްގައި ދިރިއުޅުމުގެ ފަރުސަތު ހޯދުމަށް، މަޖިލީސް ތެރޭންނާއި މަޖިލީހުގެ ބޭރުންވެސް  މަސައްކަތް ކުރުމަށްޓަކައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދެއްވާއިރު ތިޔަ ފަރާތްތަކުގެ އަޑު، މިނިވަންކަމާއެކު މަޖިލީހުގައި އިއްވޭނެފަދަ، ތިޔަ ފަރާތްތަކުގެ ހައްގުގައި މިހާތަނަށްވެސް ވަކާލާތު ކޮށްފައިވާ ފަރާތެއް ޚިޔާރުކުރައްވާ. ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަކަމާއި އިންސާފުވެރި މާޙައުލެއް ގާއިމުކުރުމަށް އަޅުގަނޑު، ކެންޑިޑޭޓް ނަންބަރު 1، އަޙްމަދު މުޖްތަބާ (ދަފްތަރުމުޖޭ)އަށް ވޯޓު ދެއްވާ.

ޝުކުރިއްޔާ!

އަޙްމަދު މުޖްތަބާ (ދަފްތަރުމުޖޭ)

ހުޅުމާލެ މެދު ދާއިރާ (T16)ގެ މިނިވަން ކެންޑިޑޭޓް: ކެންޑިޑޭޓް ނަންބަރު 1

----------------------------------------------------------------------

29 ފެބްރުއަރީ 2024

ދަފްތަރުމުޖޭގެ ކެމްޕޭން ޕޯސްޓަރެއް