ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ދިން ހުއްދަ ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކެކެވެ. މި ދައުވާތަކާ ގުޅިގެން އައްމަޓީގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފައެވެ.

ކްރިމިނަލް ކޯޓުން އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލާފައިވަނީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާ ކަން ހުށަހަޅާފައިވާ މެޑިކަލް ލިޔެކިޔުންތަކުން އެނގޭކަމަށް ބުނެއެވެ. އަދި އެ އޮޕަރޭޝަނަކީ ސިރިއަސް އޮޕަރޭޝަނެއް ކަމަށާއި އާއިލާ ކައިރީގައި ހުރެގެން ފަރުވާ ހޯދުމަށް އޭނާ އެދިފައިވާތީ، ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކުރަން ކްރިމިނަލް ކޯޓުން ޑިސެމްބަރު 7 ވަނަ ދުވަހު އަމުރު ނެރުނެވެ. ކްރިމިނަލް ކޯޓުގެ ނިންމުމަށް ހައިކޯޓުންވެސް ތާއީދު ކޮށްފައިވާއިރު މި މައްސަލަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ވަނީ އެ މައްސަލައިގައި ހުކުމެއް ކޮށްފައެވެ.

އެގޮތުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ހުކުމް ބާތިލުކޮށްފައެވެ. އަދި އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ބާތިލްކޮށް، ޕާސްޕޯޓު ހިފެހެއްޓުމަށް ނެރެފައިވާ އަމަރު ދެމި އޮތްކަމަށް ކަނޑައަޅާފައިވެއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެނިކޮށެވެ.