މިދިޔަ އަހަރު "އާބަންކޯ" އަށް ރިބްރޭންޑްކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ނަން ބޭނުން ކުރުން ހުއްޓާލަން ނިންމައިފިއެވެ.

މިކަން އަދި އެ ކުންފުނިން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. އެކަމަކު ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ ކަމަށް އެނގިފައިވެއެވެ.

އޭރު އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ ބްރޭންޑް 'އާބަންކޯ'އަށް ބަދަލުކުރަން ނިންމީ، ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުނީގެ ގޮތުގައި މަސައްކަތްތައް ބައްޓަން ކުރަން ކަމަށެވެ.

"އާބަންކޯ"އަށް އެޗްޑީސީ ރިބޭންޑްކުރީ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެޕްރީލް 1، 2023ގައެވެ. ކުންފުނި ރިބްރޭންޑްކުރަން ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހޭދަކުރިއެވެ.

ހުޅުމާލޭގެ ކަންކަމަށް ހާއްސަ "އާބަންކޯ" އެންމެ ފުރަތަމަ ހިންގީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައެވެ. ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ނަން ބަދަލުކުރީ މާޗް 19، 2009ގައެވެ.