މާލެ ސިޓީގެ މޭޔަރު އިންތިޚާބުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަން، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް ޢާޒިމް ކާމިޔާބުކުރައްވައިފިއެވެ.

ތަރުޙީބު ކުޑަ މި އިންތިޚާބުގައި ޢާޒިމް މޭޔަރުކަމަށް ހޮވިވަޑައިގަތީ ވޯޓުލީ މީހުންގެ 45 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ޖުމުލަ 55 ވޯޓު ފޮށި ބެހެއްޓި މި ބައި-އިލެކްޝަންގައި މިހާތަނަށް ގުނާފައިވާ 41 ފޮއްޓެއްގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޢާޒިމަށް ވަނީ 5303 ވޯޓު ލިބިވަޑައިގެންފައެވެ. 

މާލޭގެ މޭޔަރުކަމަށް ޢާޒިމާ އެންމެ ގާތުން ވާދަކުރެއްވީ ސަރުކާރުގެ މައިޕާޓީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި ޢާއިޝަތު އާޒިމާ ޝުކޫރެވެ. އޭނާއަށް ލިބިވަޑައިގަތީ 29 އިންސައްތަ ވޯޓެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ދަ ޑިމޮކްރެޓްސްގެ ޒުވާން ކެންޑިޑޭޓް މުހައްމަދު ސައިފް ފާތިހެވެ. އޭނާގެ ފަހަތުން އަމިއްލަ ގޮތުން ވާދަކުރެއްވި ޕީއެންއެފްގެ މެންބަރު އަދި ކުރީގެ ސީޕީ ޙުސައިން ވަހީދެވެ. ދެން "ފުރަހަނި" ޝުއައިބު އަލީއެވެ.

މާލޭގެ މޭޔަރު ހޮވުމަށް ބެހެއްޓި 55 ވޯޓު ފޮށްޓަށް ވޯޓުލުމުގެ ޙައްޤު 54680 މީހުންނަށް ލިބުނު ނަމަވެސް މި އިންތިޚާބުގައި ވޯޓުލާފައިވަނީ އެންމެ 30 އިންސައްތަ މީހުން ކަމަށް އީސީން މަޢުލޫމާތުދެއެވެ. 

އެނގިފައިވާ ގޮތުގައި މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި މާލޭ ދަފްތަރަށް ނިސްބަތްވާ ގިނަ ބަޔަކު ވޯޓު ނުލައެވެ. ސަބަބެއްކަމަށް ދަފްތަރަށް ނިސްބަތްވާ ގިނަ މީހުން ބުނެފައި ވަނީ، އެމީހުން ވޯޓުލާން ނުދިޔައީ އެކި އިންތިޚާބުތަކުގައި މާލޭގެ އެކި ދާއިރާތަކަށް ދަފްތަރު މީހުން ގަނަތެޅުވުމުގެ ޘަގާފަތެއް އިލެކްޝަން ކޮމިޝަނުން ގެންގުޅޭތީއެވެ. 

"އެންމެ ފަހުން ވޯޓުލީ 3 އިންތިޚާބުގެ ތެރޭން، މަޖިލިސް އިންތިޚާބުގައި އަހަރެން ވޯޓުލާން ޖެހުނީ، މާފަންނު މެދު ދާއިރާއަށް. ޖެހިގެން އައި ރިޔާސީ އިންތިޚާބުގައި ހުޅުމާލޭގައި ހުރި ފޮށްޓަކަށް. މިފަހަރު ވޯޓުލާން ދާން ޖެހެނީ އަހަރެން ދުވަހަކު ދިރިއުޅެން ނުވެސްދާ ތަނަކަށް. ވިލިމާލެއަށް. ދެން އޮތް އިންތިޚާބުގައި ވޯޓުލާން މިޖެހެނީ ހުޅުމާލެ އުތުރު ދާއިރާއަށް. މިއީ ކަނޑައެޅިގެން ދަފްތަރު މީހުންނަށް އީސީން ކުރާ ޖެއްސުމެއް،" ފާތިމަތު ކިޔާ މީހަކު އީސީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ބުންޏެވެ.