ރާއްޖެއިން މުޅިން ނައްތާލެވިވައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ފެނުމާ ގުޅިގެން "ފައިލޭރިއާއިން ރައްކާ"ގެ ނަމުގައި އާބަންކޯއިން ޚާއްސަ ކެމްޕޭނެއް މިއަދު ފަށައިފިއެވެ.

އާބަންކޯއިން ބުނީ ފައިލޭރިއާގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އާބަންކޯއިން 'ފައިލޭރިއާއިން ރައްކާ' ނަމުގައި ކެމްޕޭނެއް ފަށައި، މިއަދު ހުޅުމާލެ 12 ޒޯނަކަށް ބަހާލައިގެން ޒޯން ލީޑަރުން ކަނޑައަޅާ، މި ޒޯންތަކުގައި މަދިރި އުފެދޭ ތަން ތަން ދެނެގަތުމަށް ސާވޭ ފަށާފައިވާ ކަމަށެވެ.

ސުކޫލުތަކާއި ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ މުވައްޒިފުންނަށް މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހޭލުންތެރި ކުރުވުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް 32 ކޭސް ވަނީ ފެނިފައެވެ. އޭގެތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށިން ފެނުނު 25 ޕޮޒިޓިވް ކޭސް އާއި މާލެ ސަރަހައްދުން ފެނުނު ހަތް ކޭސްއެވެ. މި އެންމެންނަކީ ވެސް ބިދޭސީންނެވެ.

ފައިލޭރިއާ އަށް މިހާތަނަށް 683 މީހަކު ވަނީ ޓެސްޓުކޮށްފައެވެ. އޭގެތެރެއިން 651 މީހެއްގެ ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ މި މަހުގެ ކުރީކޮޅު ކުޅުދުއްފުށިންނެވެ.