ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑުގެ އާ ވޭރިއެންޓު ފެތުރޭތީ، ޗުއްޓީ ދުވަސްވަރު އިތުރަށް ސަމާލުވާން އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ މިއީ ސްކޫލާއި ކޮލެޖުތައް ބަންދު ދުވަސްވަރަށް ވުމުން ރާއްޖެ އާއި ރާއްޖޭން ބޭރަށް ގިނަ ބަޔަކު ދަތުރުކުރުމުގެ އިތުރުން، އުމްރާގެ އަޅުކަމަށް ދިޔަ ދިވެހިން އަންނާނެ ދުވަސްވަރަށް ވާތީ، އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ފުއްޕާމޭގެ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި މަހުގެ ތެރޭގައި ވަރަށް ގިނަ ގައުމުތަކުން ވަނީ ކޮވިޑްގެ އާ ވޭރިއެންޓު، JN.1 ފެނި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފައެވެ. ނަމަވެސް އެޗްޕީއޭގެ ބަޔާނުގައި، މި ވޭރިއަަންޓް ފެނުނު ކަމަށް ބުނެފައެއް ނުވެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި 40 އަށްވުރެ ގިނަ ގައުމުން ވަނީ ފަސޭހައިން ފެތުރޭ މި ވޭރިއަންޓް ފެނިފައެވެ.