ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެލިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެމްއެންޑީއެފަށް އިތުރު އިންޖީނެއް ހަދިޔާކޮށްފި އެވެ.

އެ ކުންފުނިން ހަދިޔާކުރީ 80 ހޯސްޕަވަރުގެ ޔަމަހާ އިންޖީނެކެވެ. އެލިއާގެ ފަރާތުން އިންޖީނު ހަވާލުކޮށް ދެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދެވެ. އެމްއެންޑީއެފުން އިންޖީނާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

އެލިއާއިން ބުނީ އެ ކުންފުންޏަކީ ޔަމަހާ އައުޓްބޯޑު އިންޖީނު ރާއްޖެއަށް ތައާރަފުކުރީއްސުރެން އެމްއެންޑީއެފާ އެކު ބަދަހި ގުޅުމެއް ބާއްވައި އެހީތެރިކަން ދެމުން އަންނަ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިން މި އަހަރު ޖުލައިގައި ވެސް އެމްއެންޑީއެފަށް އިންޖީނެއް ހަދިޔާކުރިއެވެ. އެ ފަހަރު ހަދިޔާކުރީ 350 ހޯސްޕަވަރުގެ އިންޖީނެކެވެ.

އެލިއާ އަކީ ރާއްޖެއަށް ޔަމަހާ އިންޖީނު އެތެރެކޮށް ވިއްކާ ކުންފުންޏެވެ. އެ ކުންފުނިން އެ ބްރޭންޑްގެ އިންޖީނު ވިއްކާތާ 49 އަހަރު ވެއްޖެއެވެ.