އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރާ ފަރާތްތަކުން ކުށުގެ ރެކޯޑް ސާފުކުރަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށް، އެ ޕްރައިމަރީގައި ވާދަކުރަން މިއަދު ހުޅުވާލައިފިއެވެ.

މިފަހަރުގެ މަޖިލީސް ޕްރައިމަރީގައި ވާދަ ކުރައްވާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލާއިރު، ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާއި ހަމައަށް ފުރުސަތު އޮންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ. މިފަހަރުގެ ޕްރައިމަރީ އެމްޑީޕީން ބާއްވާނީ ދެ ދުވަހަކަށް ބަހާލައިގެން ކަމަށް އެމްޑީޕީން ބުނެއެވެ. އެއީ އަންނަ އަހަރު ޖެނުއަރީ މަހުގެ 26 އަދި 27 ގައެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ މިފަހަރު ޕްރައިމަރީ ދެ ދުވަހަކަށް ބަހާލައިގެން ބާއްވަން ނިންމާފައިވަނީ އިދާރީ ގޮތުން ފަސޭހަކުރުމަށް ކަަމަށެވެ. އެގޮތުން ދެ ދުވަހަށް ޕްރައިމަރީ ގެންދިއުމުގެ ބަދަލުގައި، ދެދުވަހު އެކި ދައިރާތަށް ބަހާލައިގެން ގެންދާ ގޮތަށް ހަމަޖައްސާނެ ކަަމަށާއި، މިހާރު ޕްރައިމަރީ ބާއްވާނެ ތަންތަން ހޯދުމަށް އެދިފައިވާ ކަމަށެވެ. އަދި އެތަންތަން ހަމަޖެހުމުން އޮންނާނެ ތަން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.