ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ބޭނުންވާ ހިލަ ބަރުކޮށްގެން ދަނިކޮށް މިދިޔަ ޖުލައި މަހު ފަރަށް އެރުމުން ފިލި ބާޖު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ހާމަކުރި ގޮތުގައި އެފްރިކަން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރީ ފުވައްމުލަކު އިރު ދެކުނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ބޭނުމަށް ހަދާފައިވާ ވަގުތީ ޖެޓީއަށް މެއިންލޭންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ރާއްޖެއަށް ހިލަ ހިފައިގެން ދިޔަ "އޮލިމްޕިކް ކެންޑިލޯ" ނަމަކަށް ކިޔާ ބާޖުން ހިލަ ބޭލުމަށް ޖެޓީއާ ކައިރި ކުރުމުގެ ތެރޭގައި ހިލަތައް ފުވައްމުލަކު ފަރުމައްޗަށް އެޅި ގެއްލުން ލިބުމާ ގުޅިގެންނެވެ.

އީޕީއޭއިން ބުނީ މިހާދިސާއާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް ސަރވޭ ކޮށްފައިވާ ކަމަށާއި، މިސަރވޭއިން ފުވައްމުލަކު ފަރުގެ 4306 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

އީޕޭއޭ އިން ބުނި ގޮތުގައި އެ ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ކަނޑައެޅި ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 162.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ކަމުން އެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭން ބުންޏެވެ.