"މޮޑަރން ހެލްތްކެއަރ ޕްރައިވެޓް ލިމިޓެޑް"އިން މާލޭގައި ހުޅުވާ "ޑެންޓަ މާޓް" ފިހާރަ ހުޅުވުމާއި ގުޅުވައިގެން ރާއްޖޭގައި މުޅިން އަލަށް އިންޓަނޭޝަނަލް މެޑިކަލް ކޮންކްލޭވް އެއް "މެޑި ޑެންޓް" ނަމުގައި ބާއްވައިފިއެވެ.

މާގިރި ހޮޓެލްގައި ބޭއްވުނު މި ކޮންކްލޭވްގައި ތަފާތު ތިން މައުޟޫއަކަށް ސިއްޙީދާއިރާގެ ކަމާބެހޭ މާހިރުންގެފަރާތުން މައުލޫމާތު ދެއްވުމާއެކު ތަފާތު ދިހަ ފަރާތަކުން ސިއްޙީފަރުވާގައި ބޭނުންކުރާ ޒަމާނީ އާލަތްތަކާއި ތަކެތި ރާއްޖެއަށް ތާރަފްކޮށްފައިވެއެވެ. މީގެ ތެރޭގައި ދަތުގެފަރުވާދިނުމަށް ބޭނުންވާ ތަފާތު ސާމާނާއި، ސާޖިކަލް އަދި އެހެނިހެން ސާމާނު  ހިމެނެއެވެ.

ކުންފުނީގެ ފަރާތުން މައުލޫމާތު ދެއްވަމުން ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ ޝަމީރު ޖަލާލުއްދީން ވިދާޅުވިގޮތުގައި އެކުންފުނިން އަމާޒު ހިފާފައިވަނީ އިތުބާރުކުރެވޭ ޒަމާނީ ސިއްޙީ ވަސީލަތްތަކާއި ޚިދުމަތްތައް ދިވެހިން އަތްފޯރާފަށުގައި ފޯރުކޮށް ދިނުމަށެވެ.

 

"އަޅުގަނޑުމެން ގަބޫލުކުރަނީ އެންމެ ރަނގަޅު ފަރުވާދެވޭނީ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ބޭނުންކޮށްގެން ކަމަށް. އަދި އެވަސީލަތްތައް ބޭނުންކުރަން މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަށޭނަ މައުލޫމާތު ލިބިދިނުމަކީ އެހާމެ މުހިއްމު ކަމެއް." މި ކޮންކްލޭވްގެ މަގްސަދު ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވިއެވެ.

ދަތުގެފަރުވާދިނުމަށް ބޭނުންވާ ތަފާތު ސާމާނު ވިއްކުމަށް ޚާއްސަ ފިހާރައެއް މާލޭގެ ސަބްދެލި މަގުގައި "ޑެންޓަ މާޓް" ނަމުގައި އެކުންފުނިން ހުޅުވާއިރު މުސްތަގްބަލުގައި މިފަދަ އެތައްކަމެއް ކުންފުނިން ތައާރަފްކުރުމަށް ރޭވިފައިވާކަމަށާއި، އުއްމީދަކީ މިދާއިރާއަށް އިންގިލާބީ ހެޔޮބަދަލެއްގެނެސްދިނުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

 

މިއަދު މާލޭގައި ހުޅުވުނު "ޑެންޓަ މާޓް" އިން ދަތުގެފަރުވާދިނުމަށް ބޭނުންވާ ތަފާތު ސާމާނާއި، ސާޖިކަލް އަދި އެހެނިހެން ސާމާނު އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށް ކުންފުނިން މައުލޫމާތު ދެއްވިއެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ މޮޑަރން ހެލްތްކެއަރއިން ބޭއްވި މި ކޮންކްލޭވްގައި ރާއްޖޭގައި ޚިދުމަތްކުރާ ޑެންޓިސްޓުން، އޯތޮޑޮންޓިސްޓުން، ޑޮކްޓަރުންނާއި ސާޖަނުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.