"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓްތައް ދޫކުރުމުގެ މައްސަލައިގެ ތަހުގީގަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދީފިއެވެ.

އޭސީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4،000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހާފައިވާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް, ހައުސިން މިނިސްޓްރީން މިހާރު ދީފައިވާ ކަމަށެވެ.

"އެކްސެސް ދިނުމާ އެކު، މި މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލައި ފުރިހަމަކުރުމަށް ކުރަން ޖެހޭ ކަންކަން ފެށިގެން ކުރިއަށް އެބަދެ އެވެ،" އެ މެސެޖުގައިވެ އެވެ.

އޭސީސީން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ މިންވަރަކުން ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް މި މައްސަލައާ ގުޅޭ މައުލޫމާތު ކޮމިޝަނުން މީޑިއާ އަށް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.