ވޭތުވެދިޔަ 5 އަހަރަކީ ރާއްޖޭގެ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހިލަމެއް ނުވެގެން އެތަކެއް ހާސް ރައްޔިތުން ކެކި އުތުރިއެރި 5 އަހަރެވެ. ޤައުމުގައި ޚިޔާނާތުގެ އެތަކެއް މައްސަލަތައް ފެންމަތިވެ، ޢާންމު ރައްޔިތުން އެކޮޅުމިކޮޅަށް ދުވުނުއިރު، އެފަދަ ކަންކަން ބަލައި ފިޔަވަޅު އަޅާނޭ މުއައްސަސާއެއް ހުރިކަމަކަށް ނުވިއެވެ. ޚާއްސަކޮށް، ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން، ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް، ވަކިބައެއްގެ މަންފާއަށް، މާލޭން އެތަކެއް ބިލިއަން ރުފިޔާގެ އަގުހުރި ބިންތަކެއް ބަހާލި އިރު، އެކަން ރޭކާވެސް ނުލާ ހާލުގައި އެ ކޮމިޝަނުގެ މެންބަރުން ތިއްބެވީ ނިދިކުރައްވައިފައިކަމަށް ޢާންމުންގެ ގިނަ ބަޔަކު ދެކެއެވެ. 

ރައީސް އިބްރާހީމުގެ ވެރިކަން ނިމިއްޖެކަން ކަށަވަރުވުމާއެކު، އޭސީސީގެ މެންބަރުންނަށް ހޭލެވިއްޖެއެވެ. އަދި ރައްޔިތުން އަލަށް އިންތިޚާބުކުރި ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންތިގާލީ މަސައްކަތްތައް ފެށުމާއެކު، ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ކޮރަޕްޝަން ހިމެނޭކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް އޭސީސީގެ މެންބަރުންނަށް ކުރެވި އެކަންކަން ބަލައި ފިޔަވަޅުއަޅާން އަވަސްވެގަތެވެ. މިއާއެކު މި އޭސީސީއަކީ ކޮންމެ ވެރިކަމެއްގެވެސް ފެށޭ ދުވަސްވަރަށް ހޭލާ މެންބަރުންތަކެއް ތިބޭ ތަނެއްގެ ގޮތުގައި ރައްޔިތުން އެ މުއައްސަސާ ސިފަކުރާން ފެށިއެވެ. 

އޭސީސީން މިހާރު އެންމެ ބާރަށް ކުރިއަށް ގެންދާ އެއް މައްސަލައަކީ، ރައީސް އިބްރާހީމްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ނަތީޖާގެ މައްސަލައެވެ. އޭރު ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމަކީ ޢިއުލާނުކުރުމުގައިވެސް ބާޠިލު ސްކީމެއްކަން އޭސީސީއަށް އެނގޭއިރުވެސް އެކަމާ އަޅާނުލާ ތިބީ، ރައީސް މުޢިއްޒުގެ ސަރުކާރުންވެސް މި ޚިޔާނާތުގެ ކަންކަން ބަލާން އެވަރުގެ ފޯރިއެއް ނެތުމުންކަމަށް ވެދާނެއެވެ. ނަމަވެސް، ޑރ. މުޢިއްޒުގެ ކެމްޕޭނުގައި އުޅުނު ގިނަ ޢަދަދެއްގެ ފަރާތްތަކުން ފްލެޓުގެ ޝަކުވާ ހުށަހެޅުމާއި، އަދި ފްލެޓަކީ އެންމެ ފަސޭހައިން ސަޕޯޓަރުންނަށް ބަހާލަން ކޮންމެ އާ ސަރުކާރަކުން ބޭނުންކުރާ ހަދިޔާ ކަމަށް ވުމުން، މިފަދަ ކަންކަމާ ސަރުކާރުން އުޅޭނޭވަރު އިޙުސާސްކުރެވޭތީ، އޭސީސީންވެސް މިކަމުގައި ވަރަށް ސީރިއަސް ދައުރެއް ދަނީ އަދާކުރަމުންނެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލަށް ކުރީގެ ސަރުކާރުގެ ބަޔަކު އެކްސަސްވެ ޕޮއިންޓަށް ބަދަލުގެނައި ކަމުގެ ތުހުމަތު ވަނީ އަޅުވައިފައެވެ. 

ރައީސް އިބްރާހީމްގެ ސަރުކާރުން ޢިމާރާތްކުރާން ފަށައި، އެއްކޮށް ނުވެސް ނިމެނީސް އެމަނިކުފާނުގެ ސަރުކާރު ނިމޭތީ، އަވަސް އަރުވާލައިގެން ލިޔުން ހަވާލުކުރި 4،000 ފްލެޓުގެ ލިސްޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ. އެ ޕެޓިޝަނާ ގުޅިގެން، ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަދި އޭރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީނާއި، ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޢާރިފް ވަނީ ބުދަ ދުވަހު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. 

ފްލެޓު މައްސަލައިގައި އޭސީސީގެ މެންބަރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން އެ ކޮމިޝަނުން ބުނެފައި ވަނީ، ފްލެޓަށް ޝަރުތު ހަމަ ނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލުން ދެއްކި ނަަވެސް، ޕޯޓަލް ސުޕަވައިޒް ކުރާ ފަރާތްތަކުން ޕޮއިންޓަށް ބަދަލުގެނެސް، ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އަކުރަމް ވިދާޅުވާ ގޮތުން، އޭސީސީން ތުހުމަތުތަކެއް ކޮށްފައި ވަނީ، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ވެސް އެ ކޮމިޝަނަށް ނުދެނީހެވެ. އެހެންކަމުން، ޕޯޓަލްގެ އެކްސެސް އޭސީސީއަށް ނުލިބެނީސް، ސިސްޓަމްގެ ތެރެއިން މާކްސް ބަދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަަނަށް ނުބުނެވޭނޭކަށް އޭނާ ވިދާޅުވެއެވެ. އާރިފްވެސް ވިދާޅުވީ ހަމަ އެހެންނެވެ. އޭސީސީއަށް މިހާތަނަށް ފެންނަން އޮންނާނީ ޕޮއިންޓް ދިން ގޮތް ބަޔާންކޮށްފައިވާ ޕްރިންޓެޑް ޑޮކިއުމެންޓެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޕޯޓަލަށް އެކްސަސް ނުލިބެނީސް ޕްރިންޓްކޮށްފައިވާ ޑޮކިއުމަންޓުގައި ހުރިމަޢުލޫމާތަށް ބަލައިގެން އޭސީސީން މިފަދަ ބޮޑު ތުހުމަތެއް ކުރާތީ އެ ދެބޭފުޅުންވެސް ތިއްބެވީ ހައިރާންވެފައެވެ. 

އަކުރަމް ވިދާޅުވާގޮތުން، "އޭސީސީން ކުރައްވާ ތުހުމަތުތަކަކީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތެއް. އެހެނީ އެކަން ރަނގަޅަށް ތަހުގީގު ނުކުރައްވާ އެހެން ހާމަކުރެއްވުމަކީ މި ދެންނެވި ސިޔާސީ ކުލަޖެހުން،" ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަކުރަމާއި އާރިފަށް އަޅުގަނޑު ދަންނަވާލަން އޮތީ، އެއްގޮތަކަށްވެސް ހައިރާންވެވަޑައިގަންނަވާނޭ ކަމެއް ނެތްކަމަށެވެ. ސަބަބަކީ، ތިޔަ ބޭފުޅުން ޤާނޫނުއަސާސީއާއި ޤަވާއިދުތަކާއި އުސޫލުތައްވެސް ފުނޑާލައްވާފައި، ސިޔާސީ މަންފާއަކަށް، މާލޭގެ އެތަކެއްހާސް ރައްޔިތުންގެ ޙައްޤުތައް ފޭރިގަތްއިރުވެސް ތިޔަ އޭސީސީއެއް އޮތީ އަރާމު ނިދީގައި ނިދާފައެވެ. އޭރުވެސް އޮތިއްޔާ އޮތީ ހަމަ ތިޔަ ސިޔާސީ ކުލައެއް ޖެހިފައެވެ. އެއީ އޭރުގެ ޙާލަތު އޮތްގޮތުން ކަމަށްވެދާނެއެވެ. ނަމަވެސް ވެރިކަމާއެކު ހާލަތު ބަދަލުވުމުން، މިހާރު ތިޔަބޭފުޅުން ދައްކަވާ ވާހަކަފުޅުތައް އެބޭފުޅުންނަށް އެހާ މުޙިއްމެއްވެސް ނުވާނެތޯއްޗެކެވެ. އަދި އޭރު ނުފެނު މައްސަލަތައްވެސް މިހާރު ފެންނާނޭކަން ޔަޤީނެވެ. 

އަކުރަމް ވިދާޅުވިގޮތުން، އޭރު ޕޯޓަލްގެ ކަންކަން ކުރާ ޓެކްނިކަލް ބޭފުޅުން ގެނެސްގެން އޭސީސީއަށް ޕޯޓަލް ފިސާރި ރަނގަޅަށް ދެއްކިއެވެ. އަދި ހުރިހާ މަސައްކަތެއް ކޮށްފައި ހުރި ގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. ހުރިހާކަމެއް ސާފުވެއްޖެކަމުގެ އިޙްސާސް އޭސީސީގެ މެންބަރުންނަށް އޭރު ކުރިއެވެ. އަދި އޭސީސީން އޭރު ވަރަށް ހިތްހަމަޖެހިގެން، ތީގައި އެއްވެސް މައްސަލައެއް ނެތޭބުނެ އެ ވާހަކަ ދެއްކި ކަމަށް އަކުރަމް ވިދާޅުވިއެވެ. ނަމަވެސް، ފަހުން މިވީ ކިހިނެއް ހެއްޔެވެ؟

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައި ވާގޮތުން، ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އޭސީސީއަށް ދޭނީ ފަހުންނެވެ. އަދި މިހާރު އެކްސެސްވަނީ ދީފައެވެ. ނަމަވެސް އޭސީސީގެ ތުހުމަތުތައް ކުރީގެ ސަރުކާރަށް އަމާޒުކުރިއިރު އަދި ޕޯޓަލަށް ފުލްއެކްސެސް ދީފައެއް ނުވެއެވެ. ފަހަރެއްގައި މިފަދަ ކަންކަން ދުރާލައި އެނގުމަކީ އެތިއްބެވި މެންބަރުންގެ ނަޒާހަތްތެރިކަން އިންތިހާއަށް ބޮޑުވީމަ ވާގޮތްކަމަށްވެސް ވެދާނެތޯއްޗެކެވެ. 

ކިތަންމެ ނަޒާހަތްތެރިކަން ބޮޑަސް، އޭސީސީއަށް އަދިވެސް ބިންވެރިޔާ ސްކީމްގެ އެ ޖަރީމާ ތަޙުޤީޤެއް ނުކުރެވެއެވެ. އަދި ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަން ގެނެސްދެއްވާނޭކަމަށް ރައީސް ޑރ. މުޢިއްޒު ހަރުއަޑުފުޅުން ވިދާޅުވަމުން ގެންދެވި ނަމަވެސް، ރައީސް އިބްރާހީމްގެ ސަރުކާރުން އޭރު ހިންގި ބިންވެރިޔާ ސްކޭމް ޤާނޫނުގެ ތެރެއަށް ވައްދަައި، ދައުލަތަށާއި ރައްޔިތުންނަށް ލިބުނު ބިޔަބޮޑު ގެއްލުން އިޢާދަކުރެވޭނޭ މަގު ކޮށްޓަވައި، އެ ޙައްޤުތައް ކަށަވަރުކޮށްދެއްވާނޭ ކަމުގެ ކުޑަމިންވަރެއްވެސް ފާޅެއް ނުވެއެވެ.