"މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ"ގެ (އެމްއެންއޭސީއޭ) ނަމުގައި، ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މީހުން ބިނާކުރުމާއި މީހުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ޤައުމީ އެކަޑަމީއެއް އުފައްދައިފިއެވެ. 

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި މި އެކަޑެމީ އިފްތިތާޙުކޮށްދެއްވީ، ރާއްޖޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. 

އެމްއެންއޭސީއޭ އިފްތިތާޙުކުރެއްވުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ، ""ކޮރަޕްޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް ނަޒާޙަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގައި ޢިލްމީ ފެންވަރުގައި މަސައްކަތްކުރާން. ޤާނޫނު އަސާސީގައި ބަޔާންކުރާ ފަދައިން ކޮރަޕްޝަނާއި ދެކޮޅަށް މުވައްސަސާއެއް އެކުލަވާލާ މަސައްކަތް ފެށިގެންދިޔައީ 2007 ވަނަ އަހަރު،" ކަމަށެވެ. 

އޭގެ ފަހުން، "މިމުއައްސަސާއިން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އަޅުގަނޑު ފާހަގަކުރަން. އަދި ގިނަ ގުނަ ކާމިޔާބީތަކެއްވެސް ޙާސިލްކޮށްފައިވާކަން ފާހަގަކުރަން." ކަމަށް އޭސީސީއަށް އިޝާރާތްކުރައްވައި ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެމްއެންއޭސީއޭ ފެށުމާއެކު އެ މުއައްސަސާގެ ތަސައްވުރާއި އަމާޒުތަކާއި، ލަނޑުދަނޑިތަކާއި، އިސްތިރާޖީ އެކްޝަން ޕްލޭނާއި ގުޅޭނެހެން މިކަމަށް ބޭނުންވާ ތަޢުލީމީ ސިޔާސަތުތަކާއި، ކިޔަވައިދޭނެ ކޯސްތަކުގެ މޮޑިއުލްތައްވަނީ ތައްޔާރުކޮށްފައެވެ.

އެމްއެންއޭސީއޭ ހިނގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ހުއްދަ ލިބިފައިވާއިރު، އެ އެކަޑަމީ ހިންގުމަށް އެހީތެރިކަން ހޯދުމަށް މިހާރުވަނީ މެލޭޝިޔާގެ އެންޓި ކޮރަޕްޝަން އެކަޑަމީއާއެކު އެމްއޯޔޫއެއްވެސް ޤާއިމުކޮށްފައެވެ.

ރާއްޖޭގައި އޭސީސީގެ ނަމުގައި މުއައްސަސާއެއް ހިންގަމުން އައި ކަމުގައި ވީ ނަމަވެސް، ސިޔާސީ ނުފޫޒު އެ މުއައްސަސާގެ ތެރެއަށް ވަދެފައި ވާލެއް ބޮޑުކަމުން، ރަައްޔިތުން އެ މުއައްސަސާއަށް އިތުބާރެއް ނުކުރެއެވެ. ޚާއްސަކޮށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ހިންގި ބިންވެރިޔާ ސްކީމްފަދަ، ދައުލަތަށާއި ރައްޔިތުންނަށް އިންތިހާއަށް ގެންލުން ބޮޑު ޖަރީމާތައް ހިންގަމުން ދިޔައިރުވެސް އޭސީސީގެ ދައުރު ފެނިފައި ނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.