މި ސަރުކާރަކީ ކޮރަޕްޓް ނޫން ސަރުކާރަކަށް ވާނެކަމަށާއި އެކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހެނދުނު ދަރުބޭގައި ބެއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރު ވާނީ ކޮރަޕްޝަންގެ އެއްވެސް އަމަލަކާ ނުލައި ކުރިއަށް ދާނެ ވަރަށް ދެފުށްފެންނަ އިހުލާސްތެރި ސަރުކާރަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ، އެއްވެސް ފަރާތަކުން ކޮޕަރްޝަންގެ އެއްވެސް ޢަމަލެއް ހިންގާކަން ސާބިތުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅަން ވެސް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ތެރޭގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުންނަށް އަޅުގަނޑު އަރުވާނެ ޔަގީން ކަމަކީ އަޅުގަނޑުމެންގެ ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނެކަން. ހަމައެހެންމެ އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަދަ ފަރާތްތަކާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ފަސްޖެހުމެއް ނެތި އަޅާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއް ކަމަކީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި ނަޒާހަތްތެރިކަން އިތުރުކޮށް، އެކަމަށް މުޅި ގައުމުގައި ހޭލުންތެރިކަން ވެސް އުފެއްދުމަށެވެ. އެގޮތުން ކޮރަޕްޝަނާ ދެކޮޅަށް އާންމުން ހޭލުންތެރިކޮށް ނަޒާހަތްތެރި މުޖުތަމައުއެއް ބިނާކުރުމަށް އިލްމީ ފެންވަރެއްގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.