އިސްލާމްދީނާއި ދިވެހީންގެ ޘަގާފަތާއި އާދަކާދަތަކާ ފުށުއަރާ ގޮތަށް ހުރި ފޮތްތައް، ސްކޫލްތަކުގެ ލައިބްރަރީތަކުން ނަގަން އަންގައި، ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ސޮއި ކުރައްވައި ހުރިހާ ސްކޫލްތަކަށް ސާކިއުލާއެއް ފޮނުވައިފިއެވެ.

ތައުލީމާ ބެހޭ ވުޒާރާގެ ސާކިއުލާގައި ވަނީ، ސްކޫލުތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތް އަދި އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި ވެސް އިސްލާމްދީނާއި، ދިވެހިންގެ ޘަގާފަތާއި، އާދަކާދަތަކާ ފުށުއަރާފަދަ ބައެއް ތަކެތި ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. 

ސްކޫލުތަކުގެ ލައިބްރަރީތަކުގައި ބޭނުން ކުރަމުން އަންނަ ފޮތް އަދި އެހެނިހެން ވަސީލަތްތަކަކީ އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރު ކުރުމަށްވެސް ވަނީ އަންގާފައެވެ.

އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ސްކޫލުތަކަށް ހަދިޔާކުރާ ފޮތް ފަދަ ތަކެތި ލައިބްރަރީގައި ބޭނުން ކުރުމުގެ ކުރިން އެފަދަ ތަކެއްޗަކީ ދަރިވަރުން ބޭނުން ކުރުމަށް އެކަށީގެންވާ ތަކެތިކަން ކަށަވަރު ކުރުމަށާއި، ސްކޫލްތަކުގެ ލައިބްރަރީތަކުގައި ބޭނުން ކުރަމުން އަންނަ މިފަދަ ވަސީލަތްތަކަކީ އިސްލާމްދީނާއި، ދިވެހިންގެ ޘަގާފަތާއި، އާދަކާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރު ކުރުމަށްވެސް ވުޒާރާއިން ސްކޫލުތަކަށް އަންގާފައިވެއެވެ.