ދިވެހި ފުލުހުންގެ ޚިދުމަތަކީ ސަރުކާރުގެ ސިޔާސީ ހަތިޔާރަކަށް ހެދިޔަ ނުދިނުމަށް، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދޮށީ ދަރިކަލުން މުޙައްމަދު ފާރިސް މައުމޫނު ގޮވާލައްވައިފިއެވެ. 

ފާރިސް މިފަދައިން ގޮވާލައްވާފައި މިވަނީ، ސޯޝަލް މީޑިއާގައި ބޮޓު އެކައުންޓުތަކެއް ލައްވައި، "ޤާނޫނީ ސަރުކާރެއް ޣައިރުޤާނޫނީކޮށް ބަދަލުކޮށްލުމަށް" އުޅުނު ކަމުގެ ޖާގަ އޮތުމުން ކަމަށްބުނެ ދިވެހި ފުލުހުން މައްސަލައެއް ތަޙުޤީގުކުރާން ފަށާފައިވާ ކަމަށް ބުނެ އެ މުއައްސަސާއިން ނެރުނު ބަޔާނަކާ ގުޅިގެންނެވެ. 

ފުލުހުންގެ ބަޔާނުގައި ވަނީ، ސިޔާސީ ފަރާތްތަކުން، "ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހަމަ އެވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓު ބޭނުންކޮށް، ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި، ޢާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ޤައުމުގެ މަސްލަހަތު ނަގާލުމަށް ގޮވައި، އެކަމަށް ހިތްވަރުދީ ހަދާފައި ވާތީ،" އެމައްސަލަ ތަޙުގީގުކުރަމުން ދާކަމަށް ބުނެފައެވެ. 

މިކަމާ ގުޅިގެން ފާރިސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، "މޯލްޑިވްސް ޕޮލިސް ސާރވިސް އަކީ އަނެއްކާވެސް ސަރުކާރު، ސިޔާސީގޮތުން ބޭނުންކުރާ ހަތިޔާރަކަށް ވިޔަ ނުދެއްވައްޗޭ" އެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް ވަނީ މީގެ ކުރީން އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށްފައެވެ. މިފަދަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކޮށްފައި ވަނީ، އޭނާގެ ބޮޑުބޭފުޅު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގެ ދުވަސް ވަރުގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައެވެ.