ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގަމުން އައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ 100 އިންސައްތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

އެސްޓީއޯގެ ދަށުން މިފްކޯ މިނިވަންކުރެއްވިކަން ރައީސް މުޢިއްޒު އިޢުލާނުކުރެއްވީ، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް އަންގާރަ ދުވަހު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެންކަމަށެވެ.

މީގެ އިތުރުން، މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ޤާއިމުކުރައްވައި، އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެދުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ ކުރިން މިފްކޯ ހިންގަމުންދިޔައީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައެވެ.