ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް ގާއިމްކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް"ގެ ފުލް އެކްސެސް އަންނަ ބުރާސްފަތި ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް ދެއްވާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާންކޮށްފައިވާ ފްލެޓް ލިސްޓު މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން އެ ކޮމިޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، ފްލެޓާ ގުޅޭ ކަންކަން މިނިސްޓްރީއާ ހިސާބުން ހުއްޓިފައި އޮތީ އޭސީސީން މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.

ހައިދަރު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގެ ފްލެޓް ލިސްޓާ މެދު އަމަލުކުރާނީ އޭސީސީން ދޭ ލަފައެއްގެ މަތިންނެވެ. އެ ލިސްޓު ރީއިވެލުއޭޓު ކުރަން ޖެހޭތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ އެއަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލެޓު ލިސްޓްގެ މައްސަލަ ތަހުގީގުކުރުން ލަސްވާތީ އޭސީސީ ވަނީ އިއްޔެ ޕެޓިޝަން ކޮމެޓީއަށް ހާޒިރުކޮށްފައެވެ. މިކޮމެޓީގައި މެންބަރުންވަނީ ފްލެޓު ލިސްޓު ތަހުގީގުކުރުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މެންބަރުން ވިދާޅުވަނީ މިގޮތަށް ފްލެޓު ލިސްޓު ފައިނަލްކޮށް، ރައްޔިތުންނަށް ފްލެޓު ހަވާލުކުރުމަކީ، އެފަރާތްތަކުގެ ޙައްޤުތައް ނިގުޅައިގަތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފްލެޓް ލިސްޓުގެ ކަންތަކުގައި ކަންބޮޑުވުން ފާޅުކުރާއިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް، ކުރީގެ ސަރުކާރުން ޤާނޫނާ ޤަވާއިދާ ޚިލާފަށް، ދައުލަތަށާއި އެތަކެއް ހާސް ރައްޔިތުންގެ ޙަޤުތަކަށް އަރައިގަނެ، ހިނގާފައިވާ ބިންވެރިޔާ ސްކީމްގެ މައްސަލައިގައި އޭސީސީންވެސް އަދި މަޖިލީހުންވެސް އެއްވެސް ވަރަކަށް ނޫޅޭކަން ފާހަގަކޮށްލެވެއެވެ.