ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން އެ ކުންފުނީގެ މެނޭޖުމަންޓުން އަންގައިފިއެވެ.

ފެނަކައަށް އަލަށް އައްޔަނުކުރެއްވި މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ކުށުގެ ރެކޯޑު ސާފުކުރަން މުވައްޒަފުންނަށް އެންގެވީ، ކުރީގެ ސަރުކާރުތަކުގައި އެ ކުންފުންޏަށް މުވައްޒަފުން ނަގާއިރު ކުށުގެ ރެކޯޑު ސާފުކޮށްފައި ނުވާތީއެވެ. 

މުއާޒް ވިދާޅުވީ ފެނަކައިން މީހުންނަށް ވަޒީދާ ދޭއިރު، ކުށުގެ ރެކޯޑު ސާފު ނުކުރާތީ، މަރުގެ މައްސަލައެއްގައި ވެސް އެ ކުންފުންޏެއްގެ މުވައްޒަފަކު ބައިވެރިވެފައިވާ ކަން ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ ކަންކަން ނުހިނގާނެ ގޮތަކަށް ކުންފުނީގެ ކަންކަން ހަމަޖެއްސުމަށް މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި، އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި ޢާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި ސާފުކޮށްދިންނަމަވެސް ސަރުކާރު ޙިއްސާވާ ކުންފުންޏަކުން އެކުންފުނީގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން، މިނިޒާމު މިވަގުތު މިއޮތީ ތޮއްޖެހިފައިކަމަށް ޕީޖީއިިން ބުނެއެވެ.