ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ބޮޑުތަނުން ދަރަނިވެރިވެ ބަނގުރޫޓޫވެފައިވާ، ދައުލަތުގެ ޔުޓިލިޓީ ކުންފުންޏަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޔަނުކުރެއްވި މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު ފެނަކައިގެ އެމްޑީގެ މަޤާމަށް އައްޔަނުކުރި، މުޢާޒުގެ އިސްތިއުފާގެ ސިޓީގައި ވަނީ، ފެނަކައިން ހިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި މެއިންޓަނަންސްކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގު އަދިވެސް އެއްކޮށް ރަނގަޅު ކުރެވިފައި ނުވާކަމަށެވެ. 

އެގޮތުން އޭނާ "ކުންފުންޏާ ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގެ 4.3 ބިލިއަން ރުފިޔާ އޮތުމާއި ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި ރައިޓް ސައިޒް ކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާ ގުޅުން ހުރި އިދާރާތަކުން ނުލިބުމާއި ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހިފައިވާ ހަރަދު އިންތިހާއަށް އިތުރުވެފައިވާ"ކަމަށް އޭނާގެ އިސްތިއުފާގެ ސިޓީގައި ވެއެވެ. 

ކުންފުނި ހިންގުމުގައި މުޢާޒަށްވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ މި ދަނޑިވަޅުގައި އޭނާ ވިދާޅުވީ، ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކޮޅަށް ޖެހޭތޯ މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް، "ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ، އަޅުގަނޑު ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން،" ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ. 

ރާއްޖެތެރޭގެ ރަށްރަށަށް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ފެނަކައަށް، ރިޔާސީ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހީމްގެ ސަރުކާރުން އިތުރުކުރި ގިނަޢަދަދެއްގެ ވަޒީފާތަކާއި އަދި އޭރު، ޚިދުމަތް ހޯދުމަށް ފަހު އެކަފަރާތްތަކަށް ދައްކަން ޖެހޭ އެތައް ބިލިޔަން ރުފިޔާގެ ދަރަންޏާއެކު، މި ބިޔަ ބޮޑު ކުންފުނި ރައީސް މުއިއްޒުގެ ސަރުކާރާ ހަވާލުވުމުންވެސް މި ސަރުކާރުން ވެސް ކުންފުނީގެ ޚަރަދުތައް ކުޑަކޮށް، މުވައްޒަފުން މަދުކުރުމުގެ ބަދަލުގައި ވަޒީފާތައް އިތުރުކުރުމުގެ ނަތީޖާއަކީ އަދިވެސް ދުވަހުން ދުވަހަށް ފަނަކަ އިނދަޖެހެމުން ދިއުމެވެ.