އައްޑޫ ސިޓީއަށް ފެނުގެ ހިދުމަތް ދޭން ބޭނުން ކުރި ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރެވިފައިވާ ކަމަށާއި އޮތް ތިން ގަޑިއިރުތެރޭ ފެނުގެ ހިދުމަތް އަލުން ދޭން ފެށޭނެ ކަމަށް ފެނަކަ އިން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫން ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ފެނަކަ އިން ބުންޏެވެ. އެ މައްސަލަ ހައްލު ކުރުމަށް ހުކުރު ދުވަހު އައްޑު އަށް ސްޕެއާ ޕާޓްސް ނުވަތަ ވީއެފްޑީ ޑްރައިވެއް ވެސް ގެންގޮސް އިންސްޓޯލް ކުރިއެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ މައްސަލަ މިހާރު އެއްކޮށް ހައްލުކޮށް ޕްލާންޓް ހިންގާފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ގަޑިއިރެއްހާ އިރު ތެރޭ ފެނުގެ ހިދުމަތް އަލުން ދޭން ފެށޭނެ ކަމަށެވެ.

މި މައްސަލަ ދިމާވެފައިވަނީ ތާވަލުކުރެވިގެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަން ދީފައި ނުވާތީ އާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނިޒާމު އިންސްޕެކްޓްކޮށް ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރަން އަންގައި ފޮނުވާފައިވާ ރިޕޯޓަށް، އެ އޮތޯރިޓީން ދީފައިވާ ޓައިމްލައިނާ އެއްގޮތަށް އަމަލުކުރެވިފައި ނެތުމުގެ ސަބަބުން ދިމާވި މައްސަލައެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފެނަކަ އިން ބުނެއެވެ.