މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ ހަޔާތީ އަރުތައިގެ އެވޯޑް (ލައިފްޓައިމް އެޗީވްމެންޓް އެވޯޑް) އޮންލައިން ނޫސް "ދައުރު"ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ ޒާހިރު)އާއި ޓީވީއެމްގެ ޑިރެކްޓާ އޮފް ނިއުސް، ކަރަންޓް އެފެއާޒް އަބްދުﷲ ރަމީޒަށް އަރުވައިފިއެވެ.

މީގެ 34 އަހަރު ކުރީން، ރާއްޖޭގެ އޭރުގެ އެންމެ މަޝްހޫރު ނޫސް، "ހަވީރު"ން ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނު ހިރިގާ ވަނީ، އެ ނޫހުގެ މެނޭޖިންގ އެޑިޓަރުކަމާއި، އަދި އޭގެ ފަހުން ސަން އޮންލައިންގެ ޗީފް އެޑިޓަރުކަންވެސް ކުރައްވައިފައެވެ. މީގެ އިތުރުން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަދި އެޑިޓާސް ގިލްޑްގެ ފައުޑިންގ މެންބަރެއްގެ އިތުރުން ޒާހިރަކީ، ނޫސްވެރިކަމުގެ ރިހި ގަލަމާއި ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަދި ނޫސްވެރިކަމުގެ ގައުމީ އިނާމްވެސް ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ޢަބްދުﷲ ރަމީޒު ނޫސްވެރިކަމުގެ ތެރެއަށް ވަނީ، މީގެ 40 އަހަރު ކުރީން "ކޯދު" މަޖައްލާއިންނެވެ. އޭގެ ފަހުން އޭނާ ވަނީ، ދިވެހިރާއްޖޭގެ އަޑާއި، އާފަތިސް ނޫހުގައިވެސް ގިިނަ އަހަރު ތަކެއް ވަންދެން މަސައްކަތްކުރައްވައިފައެވެ. އަދި މިހާރު އޭނާ މަސައްކަތްކުރައްވަނީ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގައެވެ.