ނޫސްވެރީންނަށް އަމާޒުކޮށް އިޒްރޭލު ސިފައިން ކުރިއަށް ގެންދާ ހަމަލާތަކުގައި، އާދީއްތަ ދުވަހުގެ ރޭ ސަޙްޔޫނީން ވަނީ، ޣައްޒާގައި ޙަރަކާތްތެރިވަމުން ދިޔަ އުމުރުން 26 އަހަރުގެ ނޫސްވެރިޔާ އިބްރާހިމް މުހާރިބު ޝަހީދުކޮށްލައިފައެވެ.

ފްރީލާންސް ރިޕޯޓަރެއް ކަމަށްވާ މުހާރިބަށް އިޒްރޭލުގެ ޓޭންކުތަކުން ހަމަލާދިނީ، ޚާން ޔުނިސް ކައިރީގައި އެހެން ނޫސްވެރިންނާ އެކު އޭނާ ޚަރަކާތްތެރިވަނިކޮށެވެ. އިޒްރޭލުގެ އެ ހަމަލާގައި ނޫސްވެރިޔާ ސަލްމާ އަލް ކުދުމީ އަށް ވެސް ވަނީ އަނިޔާވެފައެވެ.

އިޒްރޭލުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން، ޣައްޒާއާއި ހުޅަނގު އައްސޭރީގައި މިހާތަނަށް 169 ނޫސްވެރިން ޝަހީދުކޮށްލާފައެވެ. އަދި އިތުރު 186 ނޫސްވެރިޔަކަށް އަނިޔާވެފައި ވާއިރު، އިތުރު 51 ނޫސްވެރިއަކު ރަހީނުކޮށްފައިވެއެވެ.

ފަލަސްތީނުގެ ނޫސްވެރިންގެ ސިންޑިކޭޓާއި ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ މި އަމަލުތައް ކުށްވެރިކޮށް މިއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެފައެވެ.

އަދި ނޫސްވެރިންނަށް އަމާޒުކޮށް އިޒްރޭލުންދޭ މިފަދަ ލާއިންސާނީ ނާތަހުޒީބު ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުން ފިޔަވަޅު އެޅުމަށް އެފަރާތްތަކުން ވަނީ ގޮވާލައިފައެވެ.