ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ޢިމާރާތްކުރަމުންދާ 4000 ފްލެޓަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކަނޑައަޅައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާންމުކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ މި 4000 ފްލެޓްގެ ތެރޭން 3 ކޮޓަރީގެ ފްލެޓްތަކުގެ މަހު ކުއްޔަކީ 7000 ރުފިޔާއާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ. އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ މަހު ކުއްޔަކީ 5000 ރުފިޔާއާއި މަރާމާތު ފީގެގޮތުގައި މަހަކު 1000 ރުފިޔާއެވެ.

މި ފްލެޓްތަކަށް ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފްލެޓް ޙަވާލުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހުގައެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މުއްދަތަކީ 300 މަހެވެ. އެއީ 25 އަހަރެވެ.

މި 4000 ފްލެޓަކީ ފަހި ދިރިއުޅުން ކޯރޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެންބީސީސީ ލިމިޓެޑާއި ޙަވާލުކޮށްގެން ޢިމާރާތްކުރަމުން އަންނަ ފްލެޓްތަކެކެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.