އާންމު ފަރުދުންނާއި ކުންފުނިތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯދުމަށް، ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ދޭ ޚިދުމަތްތައް ވެރިފައި ކުރުމަށް ބޭނުންކުރާ ޑިޖިޓަލް އައިޑީ "އީފާސް" މެދުވެރިކޮށް ހުށަހެޅޭގޮތް ހަދައިފިއެވެ. 

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯދުމަށް އީފާސް މެދުވެރިކޮށް، ހުށަހެޅޭ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިބަދަލާއެކު ކްރެޑިޓް ރިޕޯޓަށް އެދޭ ފަރާތްތަކުގެ ހުށަހެޅުންތައް ދެން ބަލައިގަންނާނީ ކްރެޑިޓް ބިއުރޯގެ ވެބްސައިޓުން، އީފާސް މެދުވެރިކޮށް އަދި އީފާސް ވެރިފައިޑް އެކައުންޓުތަކުން ކަމަށްވެސް އެމްއެމްއޭން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ، ކްރެޑިޓް ރިޕޯޓަށް އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ހުށަހެޅުމުން މަސައްކަތު 3 ދުވަހުގެ ތެރޭގައި ރިޕޯޓު ދޫކުރާނެ ކަމަށެވެ. 

އާންމު ފަރުދުންނާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯދުމަށް އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ހުށަހެޅޭ ގޮތް ހެދުމުން ކްރެޑިޓް ރިޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ އޮންލައިން ވީޑިއޯ ވެރިފިކޭޝަން ހެދުން ހުއްޓައިލާން ނިންމާފައި ވާ ކަމަށާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އީފާސްގެ ލޮގިން މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.