ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރަށް ތަރައްގީކުރުމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޤާއިމްކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ"ގައި އިތުރު 2 ބޭންކަކުން ސޮއިކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ، ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގާއިމްކުރި ގައުމީ ޕޭމަންޓް ނިޒާމްގައި އަލަށް ބައިވެރިވި 2 ބޭންކަކީ، ބޭންކް އޮފް ސިލޯން (ބީއޯސީ) އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)އިން ކަމަށެވެ.

ބީއޯސީއާއި އެމްސީބީން، އެމްއެމްއޭއާއެކު ހަދާ "ޕާޓިސިޕޭޝަން އެގްރިމަންޓް"ގައި މިހާރު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ މިސިސްޓަމްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްޤުތަކާއި އުފުލަންޖެހޭ އިލްތިޒާމްތަކަށް އެއްބަސްވެ، ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭ އާއި ދެމެދު ސޮއިކުރެވޭ އެއްބަސްވުމެކެވެ. 

ފަވަރަގައި ބީއެމްއެލްއާއި އެމްއައިބީންވެސް ކުރީން ބައިވެރި ވެފައި ވާއިރު، "ފަވަރަ" ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި، އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި "ފަވަރަ" ރިކުއެސްޓް މެދުވެރިކޮށް، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.