ވޭތުވެދިޔަ 5 އަހަރު މަސައްކަތްކުރައްވާފައި ވާނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަތިކޮށްފައިވާ އެންމެހާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ކަމަށާއި، އަދި ކުރިއަށް އޮތް ތާނގައިވެސް ޤައުމަށް ފައިދާހުރި އަދި އަގުހުރި ޚިދުމަތްތައް ކޮށްދިނުމުގައި ދެމިހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު (ދައުރުގެ އެންމެ ފަހު ދުވަހު)، ދިވެހިރާއްޖޭގެ އަޑުގެ "އަދުގެ ރާއްޖެ" ޕްރޮގްރާމަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފައިޞަލް ނަސީމް ވިދާޅުވީ، ރައްޔިތުން ބަލައިގަންނަ ކަންކަންކުރެއްވުމަކީ އަބަދުވެސް އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެނެއް ކަަމަށެވެ.

ނިމިގެން މިދިޔައީ މި ސަރުކާރުގައި އެމަނިކުފާނުގެ މަޤާމުގެ އެންމެ ފަހު ދުވަހަށް ވީނަމަވެސް ކުރިއަށް އޮތާނގައި އެމަނިކުފާނު އަދާކުރައްވާ ކޮންމެ މަގާމެއްގައި ހުންނަވައިގެން މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކޮށްދިނުމަށާއި ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިހުންނަވާނެކަމަށް ނައިބް ރައީސް ވަނީ ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ، ކުރާ ކޮންމެ މަސައްކަތެއްވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކުރުމަށް އަދުގެ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ. 

މީގެ އިތުރުން، އެމަނިކުފާނު މީސްމީޑިއާގައި ހުކުރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ވަނީ، "ވޭތުވެދިޔަ 5 އަހަރު އަޅުގަނޑާ ދޭތެރޭ ބެހެއްޓެވި ގާތް ކަމާ ކުރެއްވި އިތުބާރަށް ޝުކުރިއްޔާ!" އޭ ވިދާޅުވެފައެވެ.