އަލްމަރްޙޫމް ސަމަރ ބްލޫ އިބްރާހީމް މަނިކުއަކީ، ޤައުމީ ޚިދުމަތުގެ އިތުރުން، ރަހްމަތްތެރިކަމާއި، ޢާއިލީ ގުޅުން ދެމެހެއްޓުމުގައި ލާމަސީލު ނަމޫނާއެއް ކަމަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން އަލްމަރުޙޫމް ސަމަރ ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ޢައްބާސް ވިދާޅުވީ، ސަމަރު ބްލޫ އިބްރާހީމަކީ ވަރަށްވެސް އާދަޔާ ޚިލާފު ބޭފުޅެއްކަމަށެވެ. 

"އަޅުގަނޑު ދެކޭގޮތުގައި، އިބްރާހިމް މަނިކަކީ އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމުގައި ލާމަސީލު ނަމޫނާއެއް. ޢާއިލީ ލޯތްބާއި ގުޅުމުގެ އަޅުގަނޑުމެން މިސާލެއްކަމުގައި ބަލަންޖެހޭކަހަލަ ބޭފުޅެއް." ޢާއްބާސް ވިދާޅުވިއެވެ.

ޢުމުރުފުޅުން 72 އަހަރުފުޅުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އިންޑިއާގައި ބޭސްފަރުވާއަށް ގޮސް ހުންނަވަނިކޮށް އަވަހާރަވި، ސަމަރ ބްލޫ އިބްރާހީމް މަނިކަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ޚިދުމަތުގައި ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، އަދި އެ ދާއިރާގައި މީހުން ބިނާކުރުމުގައިވެސް މުޙިއްމު ދައުރެއް އަދާކުރެއްވި ޚިދުމަތްތެރި ބޭފުޅެކެވެ.

އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހިމް މަނިކުވަނީ 1974 އިން ފެށިގެން 2006 އާއި ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.