ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓ.އެލް) އަތޮޅުތަކުގެ ބަހުގެ ޚިދުމަތަށް ފައިސާ ދެއްކުމަށް މާސްޓަރ ކާޑު އަދި ވިސާ ކާޑު ބޭނުން ކުރެވޭނެ އިންތިޒާމް އެމްޓީސީސީން ހަމަޖައްސައިފިއެވެ. 

އެމްޓީސީސީން ބުނީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ލ. ގަން، ލ. ފުނަދޫ އަދި ލ. އިސްދޫ/ކަލައިދޫގައި ދެމުންގެންދާ އާރްޓީއެލް ބަސް ޚިދުމަތަށް މާސްޓަރ ކާޑު އަދި ވިސާ ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައި ވާ ކަމަށެވެ. 

މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓަރ ކާޑު ނުވަތަ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑެއް ނަމަ، އެ ކާޑު މެދުވެރިކޮށް އާރްޓީއެލް އަތޮޅުތަކުގެ ޢާއްމު ބަހުގެ ޚިދުމަތުގެ ޓިކެޓް މިހާރު ގަނެވޭނޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ. 

އާރްޓީއެލް އަތޮޅުތަކުގެ ޢާއްމު ބަހުގެ ޙިދުމަތުގެ ރޫޓް މެޕް އާރްޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ފެންނާނޭގޮތް ވެސް މިހާރު ވަނީ ހަދައިފައެވެ. 

މި ޚިދުމަތް އިފްތިތާހްކޮށްދެއްވުމަށް ފަހު، އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ، އެކުންފުނިން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ފެރީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ޓިކެޓް ނެގުމަށްފަހުވެސް ދަތުރުކުރާ ދުވަސް ބަދަލުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ކެންސަލް ވީމައި ނުވަތަ ދަތުރުކުރަން ބޭނުން ނުވީމައި، ކުރިން ރިފަންޑަށް އެކަނި އެދެވޭނީ، އެހެން ނަމަވެސް މިހާރު ވަކި އުސޫލެއްގެތެރެއިން ދުވަސް ބަދަލުކޮށްލާ، އެހެން ދަތުރަކަށް ބަދަލުކޮށްލެވޭނެ،" ކަމަށެވެ.

އާރްޓީއެލްގެ ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައ.ިޑީ ކާޑު ދެއްކެމުން ހިލޭ ލިބޭނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށާއި ކޮލެޖް ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުން ސްޓޫޑެންޓް ކާޑު ދެއްކުމުންވެސް ފެރީގައި ހިލޭ ދަތުރު ކުރެވޭނެއެވެ.