މާލެ ސިޓީގެ ބޮޑުތަކުރުފާނުމަގުގައި މަގުމައްޗަށް ބައެއް ވާގޮތަށް ޢިމާރާތްކޮށްފައިވާ، ސްޓެލްކޯގެ ފިއުލް ޕަންޕު ސްޓޭޝަން އެތަނުން ނަގައި، އެ ސަރަހައްދުގެ ފަޅުތެރޭން ބައެއް ހިއްކުމަށްފަހު ބަދަލުކުރާން އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

ޕަމްޕު ސްޓޭޝަން ހެދުމަށް އެއްމްޓީސީއާ ހަވާލުކޮށްފައި ވަނީ، 60 ދުވަސް ތެރޭ ނިންމާ ގޮތަށް 7.1 މިލިއަން ރުފިޔާއަށެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބުދުﷲ ޒިޔާދެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.

ފަހުމީ ވިދާޅުވީ އެމަސައްކަތުގެ ޑިޒައިން މަރުހަލާ އަދި ނުނިމޭކަމަށާއި، މަސައްކަތް ފެށުމުގެ ފަހު މަރުހަލާ ކުރިއަށް ގެންދެވޭނީ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ލިބުމުން ކަމަށެވެ. 

ސްޓެލްކޯ ޕަމްޕު ސްޓޭޝަން ބަދަލުކުރުމުގެ މަސައްކަތަކީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ބޮޮޑުތަކުރުފާނު މަގުގައި ތާރުއަޅައި އެމަގު ފުޅާކުރުމުގެ މަސައްކަތް ކުރިއިރު، ކުރިއަށް ގެންދާން ނިންމާފައިވާ މަޝްރޫޢެކެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެކަމާ ގުޅިގެން  ޔާމީން ސަރުކާރުގެ ހައުސިންގ މިނިސްޓަރު، އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަންބޮވުންވެސް ފާޅުކުރައްވައިފައެވެ. 

"ވެރިކަމަށް 8 މަސްވަނީ؛ މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއެޅުމުގެ މަސައްކަތުގައި ސްޓެލްކޯ ޕަމްޕު ސްޓޭޝަން މަގުމަތިން ނަގައި މަގުފުޅާކުރުމަށް އޭރު ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވެމުން ދިޔަ މަސައްކަތް 17/11/2018ގައި ހުއްޓުނުގޮތަށް ހުއްޓިފައި،" ޑރ. މުޢިއްޒު އޭރު ވިދާޅުވެފައިވެއެވެ. 

އަދި އޭގެ ފަހުން، 2021 ވަނަ އަހަރު މާލެ ސިޓީގެ މޭޔަރުކަމަށް ޑރ. މުޢިއްޒު އިންތިޚާބުވެވަޑައިގަތުމުން އޭރުގެ ސަރުކާރުން ވަނީ، މާލެ ސިޓީގެ ގިނަ މަސައްކަތްތަކެއް ސިޓީ ކައުންސިލްގެ ބާރުގެ ދަށުން ނަގައި، ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. އެގޮތުން، އަމީނީ މަގު މަޝްރޫޢަކީ، ސިޓީ ކައުންސިލުން 44 މިލިއަނަށް ހަދާން ނިންމައި، އާރްޑީސީއާއެކު ސޮއިކޮށްފައި ވަނިކޮށް، ސަރުކާރުން މަޝްރޫޢު އަތުލައި، އޭގެ ދެގުނަ ބޮޑު އަގުގައި ކުރިއަށް ގެންދިޔަ ފާހަގަކޮށްލެވޭ ބޮޑު މަޝްރޫޢެކެވެ.