ދިވެހިރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ވާދަވެރި ސިޔާސީ ފަރާތްތަކުންނާއި މީޑިއާތަކުން ބުނަމުންދާތީ އެކަމަށް ރައްދުދެއްވައި، "އަޅުގަނޑުމެން މިތިބީ އެ ހުރިހާ ތަނެއް ދައްކަން،" ކަމަށާއި އެތަންތަނަށް ގޮސްބަލަންވީ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވި ދަޢުވަތު ޤަބޫލުކޮށް ރާއްޖޭގެ މީޑިއާތަކުން އޭގެ އެންމެ ތަނެއް ބަލައިލާން ދިއުމުންވެސް އެތަނަށް ނާރުވައި ފައްސާލައިފިއެވެ. 

ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ރައީސް އިބްރާހީމް ކުރައްވާ މަސައްކަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި، ދިވެހި ޤައުމުދެކެ އިންތިހާއަށް ލޯބިވާ ފަރާތްތަކުން ފަތުރާ ވާހަކަތައްކަމަށް އެމަނިކުފާނާއި އަދި ކެމްޕޭން ޓީމުންވެސް ގަބޫލުކުރެއެވެ. އެހެންކަމުން، އިދިކޮޅު ފަރާތްތަކުން ދައްކަނީ ބުހުތާނު ދޮގުކަން ސާބިތުކޮށްދެއްވުމަށް ރައީސް އިބްރާހީމް ވަނީ، އެ ތުހުމަތުކުރާ ތަންތަނަށް ގޮސް ބޭރުގެ ސިފައިން ތިބިތޯ ބަލަން ގޮވާލައިފައވެ. 

އެމްޑީޕީން ހެންވޭރު ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް ވިދާޅުވީ، "އަޅުގަނޑުމެން މިތިބީ އެ ހުރިހާ ތަނެއް ދައްކަން. އަޅުގަނޑުމެންނާ ދޭތެރޭގައި ޝައްކު އުފައްދާ، އުތުރު ތިލަފަޅު ކަމަށް ވިޔަސް، ކައްދޫ އެއާޕޯޓް ކަމަށް ވިޔަސް، ހަނިމާދޫ ކަމަށް ވިޔަސް ވަޑައިގެން ބައްލަވަންވީ،" ކަމަށެވެ. 

ރައީސްގެ މި ދަޢުވަތާ ގުޅިގެން ދިޔަރެސް މީޑިއާގެ ނޫސްވެރީން ވަނީ، މިއަދު، ރާއްޖެތެރޭން މާލެއައިސް ވަޒަންވެރިވެ އުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ފަރާތްތަކަށް ގޯތި ދިނުމަށް ސަރުކާރުން މިހާރު ޢިއުލާނުކޮށްފައިވާ "އުތުރު ތިލަފަޅު" ބަލައިލާން ގޮސްފައެވެ. ސަބަބަކީ، ރައީސް އިބްރާހީމްގެ ސަރުކާރުން ރައްޔިތުންނަށް އެންމެ ބޮޑަށް ފޮރުވައިގެން ގެންގުޅޭ އެއް އެއްބަސްވުމަކީ، އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ގާއިމުކޮށްފައިވާ ކަމަށް ބުނެވޭ އުތުރު ތިލަފަޅު އެއްބަސްވުމެވެ. އަދި، އިދިކޮޅު ފަރާތްތަކުގެ ތުހުމަތު ތަކަށް ރައްދު ދިނުމުގެ ގޮތުން، އެންމެ ފަހުން ބިންވެރިޔާ ސްކީމުން ގޯތިދޭން އިއުލާނުކުރީވެސް އެތަން ކަމަށްވާތީއެވެ. 

ދިޔަރެސް ނޫހުގެ ލިޔުންތެރިޔާ އަދި ކޯފައުންޑަރ، އަހްމަދު އަޒާން ބުނީ، "އުތުރުތިލަފަޅުން ގޯތި ދޭނެކަމަށް ރައީސް އިބްރާހީމް ބުނެގެން އަޅުގަނޑުމެން އެތަނަށް ދިޔައިރު އެތަނުގަ ތިބީ އިންޑިއާ މީހުން،" ކަމަށެވެ. އޭނާ ބުނީ، "ހޭބޯނާރާ އުޅެނީ އެތަނުގައި އަސްކަރީ މަރުކަޒެއް އެޅުމުގެ މަސައްކަތުގަ." ކަމަށާއި އަދި "ހުރި ހަމައެކަނި މީހާ ގުޅީ އޭނާގެ ބޮސް، ރޯހިތު ކިޔާ އިންޑިޔާ މީހަކަށް" ކަމަށެވެ.

ދިޔަރެސް ޓީމުން ވަނީ، އުތުރުތިލަފަޅު ޒިޔާރަތުގެ ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ. އުތުރު ތިލަފަޅުގެ ޖެޓީކައިރިއަށް އެޓީމުން ކައިރިކޮށް ފޮޓޯ ނަގާން ފެށުމުން "އޭ ފޮޓޯ ނުނަގަނީ، ފޮޓޯ ނުނަގަނީ އޭ ބުނެ" ރަށުތެރޭން މީހަކު ގޮވާ އަޑު އިވެއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން، އެތަނަށް ދިވެއްސަކު އައިސް، ފޮޓޯ ނުނެގުމަށާއި، މިއީ ފޮޓޯ ނަގައި ވީޑިއޯކުރުން މަނާ ތަނެއްކަމަށް ބުނެއެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވި ހުޅުވިފައިވާ ދަޢުވަތަށް ދިޔަރެސް ޓީމުން އުތުރުތިލަފަޅަށް ކުރި ޒިޔާރަތުގެތެރޭން--

 

ދިޔަރެސް ޓީމުން މިއީ ގޯތިދޭ ތަނެއް ކަމަށް ބުނުމުން އުތުރުތިލަފަޅުގައި ހުރި ދިވެހި މީހާ "ގޯތިދިނަސް ފޮޓޯނަގައިގެން ނުވާނެ" އޭ ބުނެއެވެ. އަދި "ކޮބާ ރޯހިތު" އޭ ބުނެ އޭނާ ކޮންމެވެސް މީހަކު ހޯދަން ދުއްވައިގަނެއެވެ. އަދި ފަހުން އޭނާ އައިސް، އެރަށުން ގޯތި ދޭކަން އެނގިފައި ނެތްކަމަށާއި، އެތަނަށް ނޭރޭނޭކަމަށް ނޫސްވެރީންނަށް އެންގިއެވެ.

ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން، ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. 

ޤާނޫނުއަސާސީގައި އެހެން އޮތްކަމުގައި ވީ ނަމަވެސް، އަސްކަރީ މަރުކަޒުތަކާއި، ޤާނޫނީގޮތުން ބާރު ލިބިގެން އެކިއެކިކަންކަމަށް ބޭނުންކުރާ ތަންތަނަށް އެގޮތަށް ގޮސް ހުއްދައަކާ ނުލައި ނޭރޭނެއެވެ. ފަހަރެއްގައި އުތުރު ތިލަފަޅަކީ މިދެންނެވި ގޮތަށް، ޤާނޫނީ ބާރުތަކެއް ލިބިގެން ކޮންމެވެސް އެއްބަސްވުންތަކެއް ހަދާފައިވާ ތަނަކަށް ވުމުން އެތަނަށް އެރުމަށް ހުއްދަ ނުދިނީކަމަށްވުން އެކަށީގެން ވެއެވެ. އެހެންކަމަށް ވާނަމަ ރައީސް އިބްރާހީމް މުޙައްމަަދު ޞާލިހު ކެމްޕޭން ޖަލްސާގައި ހައްދަވާފައި އެވަނީ އިތުރުފުޅެކެވެ. އަދި، މިވަގުތު އުތުރުތިލަފަޅަކީ ކޮންމެވެސް އެހެން ނުފޫޒެއްގެ ދަށުގައި އޮތް ތަނެއްކަމަށް ބެލުމުގެ ފުރުސަތު އެބަ ފަހިއެވެ. 

އިންޑިއާގެ ރެއިލް ވިކާސް ނިގާމް ނަމަކަށް ކިޔާ ކުންފުންޏަކުން އުތުރު ތިލަފަޅުގައި މަސައްކަތްކުރަމުން އަންނައިރު، އެނުގައި ތަރައްގީކުރާ 186 މިލިއަން ޑޮލަރުގެ އަސްކަރީ ބަނދަރު މަޝްރޫއަކީ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ވަރަށް ބޮޑު ނުރައްކަލެއް އޮތް މަޝްރޫޢެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް، އެ މަޝްރޫޢާގުޅޭ އެއްބަސްވުން ހާމަކުރަން ގޮވައިލަމުންނެވެ. އަދި ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ހަރަކާތްތެރި ވާނަމަ އެފަރާތްތައް ވަގުތުން ރާއްޖޭގެ ފޭބުމަށްވެސް ރައްޔިތުން ދަނީ ގޮވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާން ކުޑަތަން ވެފައި ވަނިކޮށް، ސަރުކާރުން މިވަނީ، ގާނޫނުއަސާސީގެ 41 ވަނަ މާއްދާއާ، އަދި ލާމަރުކަޒީ ގާނޫނުގެ 138 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް އަނެއްކާވެސް ހުޅުމާލޭން އިތުރު 6،000 ފްލެޓާއި އަދި އުތުރުތިލަފަޅުން 4،500 އަށް ވުރެ ގިނަ ގޯއްޗަށް އެދުމަށް ހުޅުވާލައިފައެވެ. 

ގާނޫނުއަސާސީގެ 41 ވަނަ މާއްދާ:

(ށ)

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.

 

(ނ)

އެރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިގަތުމުގެ ޙައްޤު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 138 ވަނަ މާއްދާ:

ތަފާތު ނުކުރުން

މި މާއްދާގައި ބުނެވައި ވަނީ، ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ޤާނޫނަށް ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރައްވެއްސަކު އެމީހަކު އުފަންވާ ރަށަކަށް ނުވަތަ ރައްވެހިފެވައިވާ އިދާރީ ދާއިރާއަކަށް ނުވަތަ ދިރިއުޅޭ ރަށަކަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިސްމަށް، ނުވަތަ ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެއެވެ. އަދި މިކަން ޔަގީންކުރުމަށްޓަކައި އަންނަނިވި ގޮތަށް ޢަމަލުކުރާން ވާނެއެވެ.

(ހ)

އެމީހަކު ރައްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެމީހަކު ރަޖިސްޓްރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރި ނަމަ އިތުރު އެއްވެސް ޝަރުތެއް ނެތި އެރަށެއްގެ ރައްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު އެމީހަކަށް ދިނުން.

 

(ށ)

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ އިދާރީ ކޮންމެ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން ނަމަވެސް ދޫކުރުމަށް ޢިއުލާނުކޮށްފައިވާ ގޯތިތަކުގެ ތެރޭން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް ދިނުން.