މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާޢީދުކުރާނޭ ފަރާތަކާ މެދު ގޮތެއް ނިންމުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މިއަދު މެދުރުފަހު ހައުސް އޮފް ޑިމޮކްރެޓްސްގައި ބޭއްވި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލް މެންބަރުންގެ ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ތާޢީދުކުރާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށްތޯ ނުވަތަ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށްތޯ ނުވަތަ އެއްވެސް ބަޔަކާ ނުގުޅޭނީތޯ މަޝްވަރާ ކޮސްފައެވެ.

ކައުންސިލްގައި ހިމެނޭ ގިނަ މެންބަރުންގެ ވިސްނުން ހުރީ، ކޮންމެ ގޮތެއްގައި ނަމަވެސް ރައީސް "އިބޫ ނޫންގޮތެއް" ހޯދުމަށެވެ. އަދި ސަރުކާރު ކޯލިޝަނަކީ ޑިމޮކްރެޓުންނަށް އިޚްތިޔާރެއް ނޫންކަމަށެވެ. އެހެންކަމުން ވަކިގޮތެއް ނިންމުމަށް އެ ކައުންސިލުން ނިންމީ 8 މެންބަރުންގެ މައްޗަށް ހިމެނޭ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން ކުރިއަށް ދިއުމަށެވެ.

މަޝްވަރާ ކޮމިޓީގެ މެންބަރުން:

  • ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު
  • ރަނިންމޭޓް ހުސައިން އަމްރޫ ރަޝާދު
  • ވަގުތީ ޗެއަރފަރސަން ހަސަން ލަތީފު
  • މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ
  • މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
  • ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް
  • ޗެއަރޕަރސަންގެ ނާއިބު މުހައްމަދު ބަޝީރު
  • ޗެއާޕާސަންގެ ނާއިބު މުހައްމަދު އަންސަރު
ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ބައްދަލުވުމުގެ ތެރޭން-- ފޮޓޯ: ދަ ޑިމޮކްރެޓްސް

 

މިބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވީ، އެއްވެސް ބަޔަކާ ގުޅިގެންސަރުކާރެއް އުފެއްދުމުގެ ވިސްނުމަކީ ވަރަށް ބޮޑު މަސައްކަތެއްކަމަށާއި އެހެންކަމުން އެފަދަ ކަމެއްގައި ކުރިއަށް ދާން ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށެވެ.

ޑިމޮކްރެޓްސްގެ މުއައްސިސް އަދި ވަގުތީ ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވީ، ނުރަސްމީ ސިފައެއްގައި މިހާރުވެސް އެކިއެކި ފަރާތްތަކާ މަޝްވަރާތަކެއް ކުރެވެމުން ދާކަމަށާއި ނަމަވެސް ރަސްމީ ސިފައެއްގައި އެއްވެސް ބަޔަކާ އަދި މިހާތަނަށް މަޝްވަރާ ނުކުރާ ކަމަށެވެ.