ދަ ޑިމޮކްރެޓްސް ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ބައެއް ނަތީޖާތައް ބާތިލުކޮށްފިއެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ހުށަހެޅިފައިވާ މައްސަލަތަކަށް ބެލުމަށްފަހު ޔަންގް ޑިމޮކްރެޓްސްގެ ލީޑަރާއި ނައިބު ލީޑަރު ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާ ބާތިލުކޮށްފައިވާ ކަމަށެވެ.

ޑިމޮކްރެޓުންގެ ޒުވާނުންގެ ލީޑަރު ކަމަށް ވާދަ ކުރެއްވީ މުހައްމަދު މާޝިހާއި ޔޫސުފް ޝާހު އެވެ. ނައިބު ލީޑަރު ކަމަށް ވާދަކުރެއްވީ ފިތުރާ މުހައްމަދު އާއި މުހައްމަދު އަޒުވަރެވެ.

އެ ނަތީޖާ ބާތިލުކުރީ ބައެއް ރަށްރަށުގެ ވޯޓު ފޮށިތަކަށް ވޯޓު ލާން ޖެހޭ މިންވަރަށް ވުރެ ގިނައިން ވޯޓުކަރުދާސް ދޫކުރެވިފައި ވާތީ ކަމަށް އާޒިމް ވިދާޅުވިއެވެ. މައްސަލަ ޖެހުނު ރަށްތަކުގައި އަލުން ވޯޓުލާނެ ތާރީހެއް އިއުލާންކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމަށް އިންތިހާބުވީ ހަސަން ލަތީފެވެ. މި އިންތިހާބު ހަސަން ކާމިޔާބު ކުރެއްވީ 1807 ވޯޓުންނެވެ. ހަސަންއާ ވާދަކުރެއްވި ހުސެއިން އަމްރުއަށް ލިބިވަޑައިގަތީ 1484 ވޯޓެވެ.