އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަނިޔަން ޖައިޝަންކަރު، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށް ފޮނުވާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރުވަމުން ދަނީ "ފޭކް" ދޮގު ޚަބަރެއްކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ. 

އިންޑިއާ ހައިކޮމިޝަންގެ އެކްސް ހޭންޑްލްގައި ބުނެފައިވަނީ، އިންޑިއާގެ އެކްސްޓަރނަލް މިނިސްޓްރީއާއި އިންޑިއާ ސަރުކާރާއި އަދި މިނިސްޓަރު ޖައިޝަންކަރަށް ނިސްބަތްކޮށް، ފޭކް ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި، އަދި އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ގުޅުމަށް ބުރޫއަރާގޮތަށް ހިންގާފައިވާ މި އަމަލު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ. 

މީގެ އިތުރުން އިންޑިއާ ހައިކޮމިޝަނުން ވަނީ، ރާއްޖޭގެ ޚާރިޖީ ވުޒާރާއާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް މިމައްސަލަ ތަހުގީގުކުރުމަށްވެސް ގޮވާލައިފައެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން ރާއްޖޭގެ ޚާރިޖީ ވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީގައި ވާގޮތުން ދިވެހިރާއްޖޭގެ ގައުމީ ދިފާޢީބާރު (އެމްއެންޑީއެފް)ގެ ގާބިލްކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އުތުރު ތިލަފަޅުގެ އިތުރުން، އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ހިމެނޭ ސަރަހައްދުން މަދުވެގެން 15 ހެކްޓަރުގެ ބިން އިންޑިއާގެ އަސްކަރީ ބޭނުމަށް 99 އަހަރަށް ކުއްޔަށް ދިނުމަށް އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު މަޝްވަރާތަކެއް ކޮށްފައިވެއެވެ. އަދި އެއީ ޝާހިދު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެވުނު ކަންތަކާ ގުޅިގެން އިންޑިއާގެ ޚާރިޖިއްޔާއިން ފޮނުވި ސިޓީއެކެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެއީ ބަޔަކު ހަދާފައިވާ އަސްލެއް ނެތް ސިޓީއެއް ކަމަށް ބުނެފައެވެ.