ދަ ޑިމޮކްރެޓްސްއަށް ވެރިކަން ލިބިއްޖެނަމަ ކެބިނެޓުން ފެށިގެން ސަރުކާރުގެ ހުރިހާ ހިސާބެއްގައި ވެސް، ޒުވާނުންގެ ހިއްސާ އެންމެ މަދުވެގެން 30 އިންސައްތަ ޚާއްސަކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ސަންގު ބަހުސް"ގައި ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ، ރާއްޖޭގެ ޒުވާނުން މިހާރު ފެންނަނީ އަޅުވެތިކަމެއްގެ ތެރޭގައި ތިބި މަންޒަރު ކަމަށެވެ.

" ދިވެހި އެތައް ޒުވާނުންނެއް އެތައް ރައްޔަތުންނެއް ސަރުކާރު ހިއްސާވާ ކުންފުނިތަކުގަ މަސައްކަތް އެބަކުރޭ. އެކުދިން އެތިބެނީ ބިރުން. އެޒުވާނުން އެތިބެނީ ބިރުން ވަޒީފާގެ އަޅުވެތިކުރުވާފައި. ޕްރޮޖެކްޓެއް މީހަކަށް ދީފިއްޔާ ދީފައި، ލޯނެއް ދޯފަ އެތިބެނީ ސިޔާސީ ގޮތުން އޭނަ ތާށިކޮށްފައި. ކަރުގަ މަޅިއެއްޖަހާފައި." އިލްޔާސް ލަބީބް ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އަށް ވެރިކަން ލިބިއްޖެ ނަމަ އެފަދަ ހާލަތުގައި އުޅޭ ފަރާތްތަކަަށް މިނިވަންކަން ހޯދައިދެއްވާނެ ކަމަށާއި، އެ ޕާޓީގެ ވެރިކަމެއްގައި މިނިވަންކަމާއެކު ވަޒީފާ އަދާ ކުރެވޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

" އަޅުގަނޑުމެންނަށް ކަށަވަރުވާ ކަމަކީ ކޮންޓްރެކްޓް ވަޒީފާގައި ތިބި ކުދިން ކަނޑާލާނެކަން އިންތިޚާބު ނިމުމުން. އަޅުގަނޑު މިއަންނަނީ އެކުދިންނަށް ދާއިމީ ވަޒީފާދޭން. އަޅުގަނޑު މިއަންނަނީ އެޒުވާން ކުދިންނަށް އަތުގަ ލޯ ލާރިއެއް ނެތަސް ރަހުނު ކުރާނެ އެއްޗެއް ނެތަސް 15 ދުވަހުގެ ތެރޭގައި ޕްރޮޕޯސަލް ދިނީމަ އެކުދިންނަށް ވިޔަފާރި ކުރެވޭނެ ގޮތެއް ހޯދަދޭން.". ޑިމޮކްރެޓްސްގެ ފަސޭހަ ވިޔަފާރި ސިޔާސަތާ ބެހޭ ގޮތުން އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން އިލްޔާސް ވިދާޅުވީ ފަރުދުންގެ އާމްދަނީ އިތުރުވަމުންދާ ތަނެއް ނުފެންނަ ކަމަށާއި އެ އިތުރު ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރުކޮށްދޭނަން. ކޮން ރައްޔިތެއްގެ އާމްދަނީ އިތުރުވެގެން ދިޔައީ، އަޅުގަނޑުމެން މި އަންނަނީ އެކަން ކުރެވޭނެ ކަންކަން ކުރަން،". އޭނާ ވިދާޅުވިއެވެ.

ރޭގެ ބަހުސްގައި އިލްޔާސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރައްވާ ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.